ވިޔަފާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނަށް ސަރުކާރުން ދެމުންގެންދާ ކަރަންޓު ސަބްސިޑީ ކަނޑާލުމާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނަށް ފޮނުއްވި ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ކުޅުދުއްފުށީގެ ވިޔަފާރިވެރިން ގުޅިގެން އުފައްދާފައިވާ ސްޓެއަރިން ކޮމެޓީގެ މީޑިޔާ ކޯޑިނޭޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސަށް ސިޓީ ފޮނުވިތާ 6 ދުވަސްވެފައިވާއިރު ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށާއި އޭގެއިތުރުން ސަރުކާރުގެ ކަމާބެހޭ އެހެން ފަރާތްތަކާ ފޯނުން ބައްދަލުކުރުމަށް ކުރި މަސައްކަތަށްވެސް ކާމިޔާބުވެފައިނުވާ ކަމަށެވެ.
ސަރުކާރުން މިކަމަށް އެއްބާރުލުން ނުދިނުމުން ކޮމިޓީން ވަނީ މިކަމުގައި ދެން ކަންތައްކުރާނެ ގޮތެއް ނިންމުމަށްޓަކައި ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ނިންމާފައެވެ. އެގޮތުން މިރޭ 8:30ގައި ހުކުރު މިސްކިތް ކައިރީ އަމީނީ މަގުގައި ވިޔަފާރިވެރިން ރައްޔިތުންނާ ބައްދަލުކުރަން ވަނީ ނިންމާފައެވެ.
އާދަމް ޝަރީފް ވިދާޅުވީ ކޮމިޓީން އަދި ވަކިގޮތެއް ނުނިންމާ ކަމަށާއި މިރޭގެ ބައްދަލުވުމުގައި ސަބްސިޑީއާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތުދީ ވިޔަފާރިވެރިންނަށް ސަބްސިޑިީ ކަނޑާލުމުން ރައްޔިތުންނަށް ދިމާވާނެ ދަތިތައް އަންގައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަމުގައި އިތުރަށް ކުރިއަށްދާނެ ގޮތަކާއިމެދު ރައްޔިތުންގެ ހިޔާލު ހޯދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމަކީ އެއްވެސް ސިޔާސީ ފިކުރަކުން ކުރާ ކަމެއް ނޫން ކަމަށާއި މިއީ ރައްޔިތުންގެ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މިކަމުގައި އިހުތިޖާޖް ކުރާނީތޯ ނުވަތަ ނޫންތޯވެސް ކަނޑައަޅާނީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ. މިރޭ ރައްޔިތުން ކައިރިން ކޮމިޓީގެ މެންބަރުން މާލެ ގޮސް ހައްލެއް ހޯދުމަށް މަސައްކަތްކުރުމާ ބެހޭގޮތުންވެސް ހިޔާލު ހޯދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިކަމަކީ ރައްޔިތުންގެ ކަމަކަށްވާއިރު މިކަމަށް ރައްޔިތުންގެ އެއްބާރުލުމާއި ހިޔާލު ބޭނުންވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.