ސަބްސިޑީ މައްސަލާގައި ކުޅުދުއްފުށީ ރައްޔިތުން އެއްކޮށް ނުކުމެ ކަންބޮޑުވުން ފާޅުކޮށްފިނަމަ ސަރުކާރަށް އަޑު އިވޭނެ ކަމަށާއި އަމަލު ކުރުމާ ނުކުރުން އެއީ ސަރުކާރުގެ ކަމެއްކަމަށް ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަލީ މުހައްމަދު މިހެން ވިދާޅުވީ ކުޅުދުއްފުށީގެ ވިޔަފާރިވެރިން ގުޅިގެން އުފައްދާފައިވާ ސްޓެއަރިން ކޮމިޓީގެ ފަރާތުން މިރޭ ކުޅުދުއްފުށީ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
“ސަބްސިޑީއަކީ އެންމެންނަށް ލިބެން ޖެހޭ ހައްގެއް ކަމަށްވާއިރު މި ހައްގު ލިބެމުން ދަނިކޮށް މިވަނީ ކީއްކަން ނޭނގި ކުއްލިއަކަށް ބަދަލެއް ނުކުރެވޭނެ. ބަދަލު ކުރަން ބޭނުންނަމަ ބަދަލު ކުރަން ޖެހޭނީ އުސޫލެއްގެ މަތިން.” ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ސްޓިއަރިން ކޮމިޓީން މިހާތަނަށް ކުރެވުނު މަަސައްކަތްތަކުން އަދިވެސް ސަރުކާރުން ޖަވާބު ދާރީ ނުވާތީ ދެން އަމަލު ކުރާނެ ގޮތެއް އެނގޭނީ ރައްޔިތުންނަށް ކަމަށާއި އެކި އަތޮޅު ތަކުން ވެސް ފޯން ކޯލްތައް މި މައްސަލަގައި ލިބެމުންދާ އިރު އެބޭފުޅުންވެސް ބަލަން ބޭނުންވަނީ ކުޅުދުއްފުށީގައި މި މައްސަލައާ ދޭތެރޭ ކަންތައް ކުރާގޮތެއް ބެލުން ކަމަށްވެސް އަލީ މުހައްމަދު ވިދާޅުވި އެވެ.
“މި އަތޮޅުގެ ވަރަށް ގިނަ ރަށްރަށުން އަދި ށ އަތޮޅުގެ ވަރަށް ގިނަ ރަށްރަށުން އެބަ އަޅުގަނޑަށް ފޯންކުރޭ. އެބޭފުޅުން އެބަ ވިދާޅުވޭ ކުޅުދުއްފުށިން ކަންކުރާގޮތެއް ބަލާށޭ ތިމަންނަމެން މިތިބީ. ތިމަންނަމެންވެސް ވަރަށް މަސައްކަތްކޮށްފީމޭ މިކަމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތެއްގެ ޖަވާބަކަށް. އެބޭފުޅުންވެސް ވިދާޅުވީ ޖަވާބެއް ނުލިބެޔޭ.” އަލީ މުހައްމަދު ވިދާޅުވި އެވެ.
އަލީ މުހައްމަދު އިތުރަށް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަކީ އިހްތިޖާޖު ކުރުން ކަމަށްވަންޏާ ސަރުކާރަށް އަޑުއިވޭދެން އިހްތިޖާޖު ކުރާނެ ކަމަށެވެ.
ރަސްމީގޮތެއްގައި ސަރުކާރަށް އަޑު އިއްވަން ކުރި މަަސައްކަތުން ސަރުކާރަށް މިހާތަނަށް އަޑު އިވިފައި ނުވާއިރު ދެން އޮތް ގޮތަކީ ރައްޔިތުންނަށް ސަރުކާރަށް އަޑު އިއްވުނުގޮތަކަށް އަޑު އިއްވުން ކަމަށް ވިދާޅުވެ އަލީ މުހައްމަދު ވިދާޅުވީ މިހާރު ލިބޭ އެއްޗަކުން ފުއްދާލައިގެން ތިބެއްޖެނަމަ މާދަމާ އަންނަ ރޯޅި ބޮޑުވާނެ ކަމަށެވެ.
ވާހަކަފުޅު ނިންމާ ލަމުން އަލީ މުހައްމަދު ވަނީ މާދަމާ ހެނދުނު 8 އިން ކުޅުދުއްފުށީގެ ރައްޔިތުން ހިހްތިޖާޖަށް ނުކުތުމަށް ގޮވާލައްވާފަ އެވެ. އަދި ރައްޔިތުން އެދޭ ކޮންމެ ދާއިރާ އަކުން ކޮންމެ ރޮގަކުން މިމައްސަލާގައި ހައްލު ހޯދައި ދިނުމަށް ތައްޔާރަށް ހުރި ކަމަަށްވެސް އަލީ މުހައްމަދު ވިދާޅުވި އެވެ.