ރައްޔިތުންނަށް އެމީހުންގެ ޒަރޫރީ ބޭނުންތަކަށް ތަކެތި ހޯދާ ގެއަށް ވެއްދުމުގެ ފުރުސަތު ނުދީ ފިހާރަތައް ބަންދުކުރުމަކީ މުދާ ވެރިންނަށް ހައްގު ކަމެއް ނޫން ކަމަށް ކުޅުދުއްފުށީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވިޔަފާރިވެރިން އުފައްދާފައިވާ ސްޓިއަރިން ކޮމެޓީގެ ޗެއަރމަން މުހައްމަދު ޒުހެއިރު ވިދާޅުވިއެވެ.
މިއަދު ކުޅުދުއްފުށީ ވިޔަފާރިވެރިން ފިހާރަތައް ނުހުޅުވާ އިހުތިޖާޖް ކުރިއިރު މި އިހުތިޖާޖްގައި މުހައްމަދު ޒުހެއިރު ބައިވެރިވެފައެއް ނުވެއެވެ. އަދި މުހައްމަދު ޒުހެއިރުގެ ފިހާރަތައްވެސް ބަންދުކޮށްފައެއް ނުވެއެވެ.މިކަމާ ގުޅިގެން އެހެން ވިޔަފާރިވެރިންގެ ފާޑުކިޔުންތައް މުހައްމަދު ޒުހެއިރަށް ވަނީ އަމާޒުވެފަ އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” ދެއްވި ބަސްދީގަތުމެއްގައި މުހައްމަދު ޒުހެއިރު ވިދާޅުވީ ކަރަންޓު ސަބްސިޑީ ކަނޑާލުމުން އެ ދެވެނީ އަނިޔާއެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް އިއްޔެ ކުޅުދުއްފުއްޓަށް އައުމުން ކޮމެޓީގެ ފަރާތުން މަގުމަތީ ރައްޔިތުންނަށް ބައްދަލުކުރުމަށް ހަމަޖެހިފައިވާކަން އެންގި ކަމަށް މުހައްމަދު ޒުހެއިރު ވިދާޅުވިއެވެ. އަދި އެވަގުތުވެސް އެއީ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށް ބުނެފައިވާނެ ކަމަށާއި ރައްޔިތުންނާ ބައްދަލުކުރުމަށް ޖަލާލުއްދީން ސްކޫލް ހޯލްވެސް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު ޒުހެއިރު ވިދާޅުވީ އިހުތިޖާޖަށް ތާއިދުކުރާ ކަމަށާއި ނަމަވެސް އެއީ ރައްޔިތުންނަށް ފުރުސަތު ދިނުމަށް ފަހުގަ ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ހެނދުނު އެތައް ބެލެނިވެރިންނެއް ދަރިންނަށް އިންޓަވަލް ގަނެ ނުދެވިފައި ތިބިއިރު ރަށްރަށުން ކުޅުދުއްފުއްޓަށް މިއަދު އައި މީހުންނަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
އެހެންކަމުން ފިހާރަތައް ބަންދުކުރުމުގެ ކުރިން ރައްޔިތުންނަށް އެކަން ދުރާލާ އަންގަންޖެހޭނެ ކަމަށް މުހައްމަދު ޒުހެއިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަމާ ބެހޭގޮތުން ރާއްޖޭގެ ފުންނާބު އުސް އިލްވެރިންނާވެސް މަޝްވަރާ ކުރެވުނު ކަމަށާއި އެފަރާތްތަކުންވެސް ބުނީ ރައްޔިތުންނަށް ފުރުސަތު ނުދީ އެފަދަ ބޮޑު ކަމެއް ކުރުމަކީ މުދާވެރިންނަށް ހައްގު ކަމެއް ނޫން ކަމަށެވެ.
މާލޭ އާއި ރާއްޖެތެރޭގައި ކަރަންޓުގެ އަގުގައި ބޮޑު ތަފާތެއް ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މުހައްމަދު ޒުހެއިރު ވިދާޅުވިއެވެ. އަދި މިއަދު އޭނާގެ ފިހާރަތައް ހުޅުވީ މާލީ މަންފާއެއް ހޯދުމުގެ މަގުސަދެއްގައި ނޫން ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށްޓަކައި ކަމަށެވެ.
މިއަދުގެ އިހުތިޖާޖުގައި ބައިވެރިނުވީ އެކަމަށް ޒަމީރު އެއްބަސް ނުވާތީ ކަމަށްވެސް މުހައްމަދު ޒުހެއިރު ވިދާޅުވިއެވެ. މިއަދު ވިޔަފާރިވެރިން ކުރި އިހްތިޖާޖްގައި އޭނާ ބައިވެރިނުވުމުން ވިޔަފާރިވެރިން އުއްފަދާފައިވާ ސްޓެއަރިން ކޮމެޓިގެ މީޑިއާ ކޯޑިނޭޓަރ އާދަމް ޝަރީފް ވަނީ އެކަން ކުށްވެރިކޮށް ފާޑު ވިދާޅުވެފަ އެވެ.
މިއަދު ކުޅުދުއްފުށީގެ ގިނަ ފިހާރަތަކެއް ބަންދުކުރުމާއެކު ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.