ސަރުކާރުގެ ސަބްސިޑީ ދޫކުރުމުގެ ސިޔާސަތަށްވުރެ އިތުރަށް، ކުޅުދުއްފުށީގެ ވިޔަފާރިތަކަށް ދޫކޮއްފައިވާ ކަރަންޓަށް މީގެކުރުން ސަބްސިޑީދީފައި ވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ ސަރުކާރުން ސަބްސިޑީ ކަނޑައަޅާފައި ނުވާ ބޭންޑެއް ކަމަށްވާ ޔުނިޓަކަށް ހަތްރުފިޔާ ބައި ނަގަމުންގެންދާ ބޭންޑަށްވެސް ކުޅުދުއްފުށީގެ ވިޔަފާރިވެރިންނަށް ސަބްސިޑީ މީގެ ކުރިން ދީފައި ވާކަމަށެވެ. ނަމަވެސް އެއީ ރާއްޖޭގެ އެއްވެސް ހިސާބެއްގައި ސަބްސިޑީ ދީފައި ވާ ބޭންޑެއް ނޫންކަމަށް ނިމާލް ވިދާޅުވިއެވެ.
އަދި ދައުލަތުން ވިޔަފާރިތަކަށް ދެމުންގެންދިޔަ ކަރަންޓު ސަބްސިޑީ ކަނޑާލުމުން ކުޅުދުއްފުށީގެ ވިޔަފާރިކުރާތަންތަނުގެ ކަރަންޓު ބިލު ތިންގުނަ ބޮޑުވެފައި ވަނީ އެސަބަބާއި ހެދި ކަމަށް ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދޭ ކަރަންޓުގެ އަގު ބޮޑު ނުކުރާ ކަމަށާއި، އެނާޖީ އޮތޯރިޓީން 2009 ވަނަ އަހަރު ނިންމާފައި ވާ ނިންމުން އެކޯޕަރޭޝަނުން ތަންފީޒު ކުރަމުން ގެންދާކަމަށެވެ.
“ހއ. ހދ. ސަރަހައްދަށް ބަލާއިރު އެސަރަހައްދަށް ޓެރިފް ރޭޓް ކަނޑައަޅާފައި މި އޮންނަނީ އެސަރަހައްދުގެ ލޮޖިސްޓިކަށާއި ކުންފުނިން ކުރަންޖެހޭ ހަރަދުތަކަށާއި އެހުރިހާ އެއްޗަކަށް ބަލާފަ، އެބޭފުޅުން އޭރުގެ އަޕާރ ނޯތު ޔޫޓިލިޓީ ތައްޔާރުކުރި ކަރުދާހެއްގެ މައްޗަށް ބަލާފަ، އެނާޖީ އޮތޯރިޓީން މި ތައްޔާރު ކުރަނީ. ހަމައެހެންމެ ގއ. ގދ. އެއީ އަޕަރ ސައުތު ޔޫޓިލިޓީޒް. އެސަރަހައްދުގެ މިހުރިހާ ކަމަކަށް ބަލާފަ އެސަރަހައްދަށް ޓެރިފް ރޭޓް ކަނޑައަޅަނީ. ގްރޭޓަރ މާލެ ރީޖަންއަކީ މާލެއާއި އަދި ކ. އ. ވ. މިތިން އަތޮޅަށް ބަލާފަ މިއިންނަނީ މިސަރަހައްދުގެ ޓެރިފް ރޭޓް. އެހެންވީމަ ޓެރިފް ރޭޓްތަށް އެއްގޮތްނުވާ މައިގަނޑު ސަބަބަކީ އެއީ. އަޅުގަނޑުމެން އެއްވެސް ހާލެއްގައި 2009 އެއްގައި ފާސްކޮށްފައި އޮތް ޓެރިފް ރޭޓް ތަކަށް ބަދަލެއް ނުގެންނަން.” ނިމާލް ވިދާޅުވިއެވެ.
މާލެ ފިޔަވާ ރާއްޖޭގެ ގިނަ ހިސާބުތަކެއްގައި ވިޔަފާރިތަކަށް ދޫކޮށްފައި ހުންނަ މީޓަރުތަކުން އެންމެ މަތީ ބޭންޑެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަތްރުފިޔާ ފަންސާސް ލާރިއެވެ. އަދި ބައެއް އަތޮޅުތަކުގައި އެއަދަދު ކުރީއްސުރެ ނަގަމުން އަންނަކަމަށް ނިމާލްވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ ކަރަންޓުގެ އަގުތަކަށް ނުވަތަ ޓެރިފް ރޭޓަށް ބަދަލު ގެންނާނީ އެ ކޯޕަރޭޝަނުން ނޫންކަމަށާއި އެކަން ކުރަމުންގެންދާނީ އެނާޖީ އޮތޯރިޓީން ކަމަށެވެ. އަދި މިހާރުވެސް ފެނަކަ ކޯޕަރޭޝަނުން ތަންފީޒު ކުރަމުން ގެންދަނީ ދެހާސް ނުވަ ވަނަ އަހަރު އެނާޖީ އޮތޯރިޓީން ކަނޑައަޅާފައި ވާ ރޭޓްތަށް ކަމަށް އެކޮޕަރޭޝަނުން ބުނެއެވެ.
ވިޔަފާރި ތަކުގެ ކަރަންޓު ސަބްސިޑީ ކަނޑާލުމާއި ގުޅޭގޮތުން އެންސްޕާއިން ބުނީ ވިޔަފާރި ތަކަށް ކުރިން ދެމުންގެންދިޔަ ސަބްސިޑީ މިދިޔަ މާރޗް މަހުންފެށިގެން ކަނޑާލާފައި ވަނީ ސަބްސިޑީޒް ދިނުމުގައި ހަމަހަމަ އުސޫލްތަކެއް ގެންގުޅުމަށް ކަމަށެވެ.
ވިޔަފާރިތަކަށް ދެމުންގެންދިޔަ ކަރަންޓު ސަބަސިޑީ މާރޗް މަހުން ފެށިގެން ދޫނުކުރުމަށް އެންސްޕާއިން ނިންމުމާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ވިޔަފާރިވެރިން ގެންދަނީ ކަނބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކުޅުދުއްފުށީގައި މިއަދު ވިޔަފާރިތައް ބަނދުކޮށް އިހުތިޖާޖް ކުރިއިރު އައްޑޫގައިވެސް ފެނަކަ ކޯޕަރޭޝަންގެ އޮފީސް ކުރިމަތީ ބައެއް ވިޔަފާރިވެރިން ވަނީ ޝުޢޫރު ފާޅުކޮއްފައެވެ. އަދި ފުވައްމުލަކުގެ ވިޔަފާރިވެރިން ސަރުކާރަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއެކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.