ވިޔަފާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނަށް ސަރުކާރުން ދެމުންގެންދާ ކަރަންޓު ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކަރަންޓު ބިލްތައް އިންތިހާއަށް ބޮޑުވެފައިވާތީ އެކަމަށް ހައްލެއް ހޯދާ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހދ މަކުނުދޫގެ ފިހާރަތައް ބަންދުކޮށްފިއެވެ.
މަކުުނުދޫގައި 12 ފިހާރަ ހުންނައިރު އެ ހުރިހާ ފިހާރަތަކެއްވެސް މިއަދު ވަނީ ބަންދުކޮށްފައެވެ. މަކުނުދޫގެ ވިޔަފާރުވެރިން މަކުނުދޫ ކައުންސިލާ ކަންބޮޑުވުންތައް ހިއްސާކުރަމުންދާއިރު ފިހާރަތައް ހުޅުވާނެ ވަކި ވަގުތެއް ނޭނގެއެވެ.
ސަރުކާރުން ދެމުންގެންދާ ސަބްސިޑީ ކަނޑާލުމުން ކުރިން ކަރަންޓު ބިލަށް އަރާވަރުގެ ތިންގުނައަށްވުރެ އިތުރަށް ކަރަންޓު ބިލް ބޮޑުވެފައިވާއިރު އިއްޔެ ވަނީ ކުޅުދުއްފުށީގައިވެސް ފިހާރަތަކާއި އިންޖީނުގެ ބަންދުކޮށްގެން އިހުތިޖާޖް ކޮށްފައެވެ. މީގއިތުރުން ކަރަންޓު ބިލް ބޮޑުވެގެން އައްޑޫގައިވެސް އިއްޔެ އިހުތިޖާޖް ކޮށްފައިވެ އެވެ.
އިއްޔެ ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިން ބުނެފައިވަނީ ސަރުކާރުގެ ސަބްސިޑީ ދޫކުރުމުގެ ސިޔާސަތަށްވުރެ އިތުރަށް، ކުޅުދުއްފުށީގެ ވިޔަފާރިތަކަށް ދޫކޮއްފައިވާ ކަރަންޓަށް ސަބްސިޑީދީފައި ވާކަނެ ކަމަށެވެ. އަދި ސަރުކާރުން ސަބްސިޑީ ކަނޑައަޅާފައި ނުވާ ބޭންޑެއް ކަމަށްވާ ޔުނިޓަކަށް ހަތްރުފިޔާ ބައި ނަގަމުންގެންދާ ބޭންޑަށްވެސް ކުޅުދުއްފުށީގެ ވިޔަފާރިވެރިންނަށް ސަބްސިޑީ މީގެ ކުރިން ދީފައި ވާކަމަށެވެ. ނަމަވެސް އެއީ ރާއްޖޭގެ އެއްވެސް ހިސާބެއްގައި ސަބްސިޑީ ދީފައި ވާ ބޭންޑެއް ނޫންކަމަށެވެ.
ދައުލަތުން ވިޔަފާރިތަކަށް ދެމުންގެންދިޔަ ކަރަންޓު ސަބްސިޑީ ކަނޑާލުމުން ކުޅުދުއްފުށީގެ ވިޔަފާރިކުރާތަންތަނުގެ ކަރަންޓު ބިލު ތިންގުނަ ބޮޑުވެފައި ވަނީ އެސަބަބާއި ހެދި ކަމަށް ފެނަކައިން ބުނެއެވެ.