ވިޔަފާރިވެރިނަށް ދެމުން އައި ކަރަންޓު ސަބްސިޑީ ކަނޑާލުމާ ގުޅިގެން އެކި ރަށްރަށުގެ ވިޔަފާރިވެރިން ކުރަމުން އަންނަ ޝަކުވާތަކަށް ސަރުކާރުގެ ފަރާތުން އަދިވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ހާމަކޮށްފި އެވެ.
އެގޮތުން ހދ. މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒާކިރު ވިދާޅުވީ އެރަށު ވިޔަފަރިވެރިންގެ ޝަކުވާއަކީ ލިބޭ އާމްދަނީ އަށްވުރެ ބޮޑު އެއްޗެއް ކަރަންޓު ބިލަށް އަރާތީ އެ ޝަކުވާ ކަމަށެވެ. އިއްޔެ ހަވީރު ވަނީ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށް އެރަށުގައި އިހްތިޖާޖުވެސް ކޮށްފަ އެވެ.
ޒާކިރު އިތުރަށް ވިދާޅުވީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ވަނީ ކައުންސިލް މެދުވެރިކޮށް ސަރުކާރަށް އިއްވާފަ ކަމަށާއި އެހެންނަަމަވެސް ސަރުކާރުގެ ފަރާތުން އަދިވެސް ޖަވާބެއް ލިބިފައިނުވާކަމަށެވެ. އެރަށުގެ ހުރިހާ ފިހާރައެއް، ކަރަންޓް ބިލް ބޮޑުވުމުގެ ސަބަބުން ހޯމަ ދުވަހު ވަނީ ބަންދުކޮށްފަ އެވެ.
މަކުނުދޫގެ އިތުރުން ދިއްދޫގައި ވެސްވަނީ ވިޔަފާރުވެރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިނާން ވިދާޅުވީ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން އެރަށުގެ ހުރިހާ ވިޔަފާރިވެރިން ވަނީ ކަރަންޓް ބިލް ނުދައްކާގޮތައް ނިންމާފައި ކަމަށާއި ސަބްސިޑިގެ މައްސަލާގައި ކަމާ ބެހޭފަރާތްތަކުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތްވެސް އަދި ކާމިޔާބު ވެފައި ނުވާކަމަށެވެ.
ސިނާން ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ހއ، ހދ، އަދި ށ ގައި ކަރަންޓް ޔުނިޓަކަށް ނަގާ ވަރު އައްޑޫ އަދި މާލެއިން ނަގާވަރަށްވުރެ ބޮޑުވުމުން ކަމަށެވެ.
އެގޮތުން ހއ، ހދ އަދި ށ ގައި ވިޔަފާރިވެރިންނަށް ކަރަންޓް 100 ޔުނިޓާއި ހަމައަށް ޔުނިޓަކަށް 4.50ރ. އަރާއިރު އައްޑޫގެ ވިޔަފާރިވެރިންނަށް 100 ޔުނިޓާއި ހަމަޔަށް ޔުނިޓަކަށް އަރަނީ 3.25ރ. ކަމަށް ވިދާޅުވެ މިކަމުގައި ހަމަހަމަ ކަންގެއްލިފައިވާތީ ސިނާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ދިއްދޫގައި އިހްތިޖާޖް ކުރުމުގެ ގޮތުން އެއްވެސް ފިހާރައެއް ބަންދުކޮށްފައެއް ނުވެއެވެ.