ކުޅުދުއްފުއްޓާއި އައްޑޫގައި ފޮރެންސިކްގެ ހިދުމަތް އިތުރުކޮށް ފުޅާކުރަން ފުލުހުން ނިންމައިފި އެވެ.
މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިންސްޕެކްޓަ އޮފް ޕޮލިސް އައިމިނަތު ޝުޒީ ވިދާޅުވީ މިހާރު ރޭވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ދާ ނަމަ ވަރަަށް އަވަސް މުއްދަތެއްގައި، އައްޑު އާއި ކުޅުދުއްފުށީގައި ފޮރެންސިކް ޓެކްސްޓްތައް ހަދަން ފަށާނެ ކަަމަށެވެ.
އެގޮތުން ހދ. ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި ސީން އޮފް ކްރައިމް އޮފިސަރުންގެެ ހިދުމަތާއި ފިންގާޕްރިންޓް ކޮމްޕެއާ ކުރުމުގެ ހިދުމަތާއި ކޮމްޕިއުޓަ ފޮރެންސިކް އަދި މޮބައިލް ފޮރެންސިކްގެ ހިދުމަތާއި ބޮޑީފުލިއިޑް މަސްތުވާތަކެއްޗަށް ޓެސްޓްކުރުމުގެ ހިދުމަތާއި އަލްކޮހޯލް ޓެސްޓިންގެ ހިދްމަތް ދިނުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޒީ ވިދާުޅުވި އޭގެ ތެރެއިން ބޮޑީފުލިއިޑް ނުވަތަ ހަށިގަނޑުން ނެގޭ ސާމްޕަލް ތަހުލީލު ކުރުމާއި މަސްތުވާތަކެއްޗަށް ޓެސްޓް ކުރުމުގެ ހިދުމަތާއި ބަނގުރަލުގެ ޓެސްޓް އަދި މޮބައިލް ފޮރެންސިކްގެ ހިދުމަތަކީ މުޅިން އަލަށް ފަށާ ކަންތައްތަކެވެ. އަދި އެ ހިދުމަތްތައް މި މަހު 15 ގައި ކުޅުދުއްފުށީ އިފްތިތާހް ކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކްރައިމް ސީން އިންވެސްޓިގޭޝަންގެ ޑިޕާޓްމަންޓުގައި އުފައްދާފައިވާ ޑިވިޝަނަލް އެވިޑެންސް ރެސްޕޮންސް ޔުނިޓުގެ ދަށުން ރާއްޖޭގެ ހަތް ޑިވިޝަނެއްގައި މިވަގުތު އެވިޑެންސް ރެސްޕޮންސް ޓީމްތައް ގާއިމް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އިތުރަށް ތަރައްގީކޮށް، ކުރިއެރުވުމަށްޓަކައި އަޕަނޯތު އެވިޑެންސް ރެސްޕޮންސް ޓީމާއި ސައުތު އެވިޑެންސް ރެސްޕޮންސް ޔުނިޓްގެ ހިދުމަތް ފުޅާކުރުމަށް ސީން އޮފް ކްރައިމް އޮފިސަރުން އިތުރު ކުރުމަށް ރާވާފައިވާ ކަމަށް ޝުޒީ ވިދާޅުވި އެވެ.
އަދި ފިންގަޕްރިންޓް ލެބޯޓަރީގެ ހިދުމަތް ފަސް ސަރަހައްދެއްގައި މިހާރު ވަނީ ގާއިމްކޮށްފައިވާ ކަމަށް ޝުޒީ ވިދާޅުވި އެވެ.
“އެ ތަންތަން ވާނީ މާލޭގައި ހުންނަ ސެންޓްރަލް ޑާޓާބޭސް އަށް ގުޅާލެވިފައި. މީގެ އިތުރުން އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށީގައި ފިންގަޕްރިންޓް ކޮންޕެއަ ކުރުމާއި ފިންގަޕްރިންޓް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފެށިގެން ދާނެ” އޭނާ ވިދާޅުވި އެވެ.