ވިޔަފާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނަށް ސަރުކާރުން ދެމުންގެންދިޔަ ކަރަންޓު ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކުރިނބީގެ އެއްވެސް ވިޔަފާރިވެރިއެއް ކަންބޮޑުވުން ފާޅުކޮށްފައިނުވާ ކަމަށް ކުރިނބީ ކައުންސިލްގެ ރައީސް މުޖުތަބާ ވިދާޅުވެއްޖެއެވެ.
“ކުޅުދުއްފުށި އޮންލައިން”އަށް މައުލޫމާތު ދެއްވަމުން މުޖުތަބާ ވިދާޅުވީ ކުރިނބީގެ އެއްވެސް ވިޔަފާރިވެރިއަކު ކަރަންޓު ބިލް ބޮޑުވެގެން ކައުންސިލަށް ކަންބޮޑުވުން ހިއްސާކޮށްފައިނުވާ ކަމަށާއި ރަށު ތެރޭގައިވެސް މާބޮޑު ކަންބޮޑުވުންތަކެއް ނެތް ކަމަށެވެ.
ކަރަންޓު ބިލް ބޮޑުވެގެން އެކަމަށް ހައްލެއް ހޯދުމަށް ކައުންސިލާ މަޝްވަރާކޮށްފައިނުވާއިރު ކުރިނބީގެ ބައެއް ވިޔަފާރިވެރިން ސަރުކާރުގެ މުވައްސަސާތަކަށް ތަކެތި ދޫކުރުމުގައި އަގަށް ބަދަލުގެންނަން އަމިއްލަ ގޮތުން ނިންމާފައިވާ ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.
ކުރިނބީ ކައުންސިލްގެ ރައީސް ވިދާޅުވީ ސަބްސިޑީ މައްސަލައިގައި ހދ އަތޮޅުގެ އެހެން ބައެއް ރަށްތަކުގެ ވިޔަފާރިވެރިން އެކުގައި ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު މި މައްސަލައިގައި ރަނގަޅު ނަތީޖާއެއް ފެންނާނީ ހުރިހާ ވިޔަފާރިވެރިންވެސް ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.
“އަޅުގަނޑު ވަރަށް ކަންބޮޑުވޭ ވިޔަފާރިތަކުން ސަބްސިޑީ ކަނޑާލީމާ، ހަގީގަތުގައި ކުދި ވިޔަފާރިތަކަށް މީގެ ގެއްލުން ބޮޑުވާނެ. ކުރިނބީ ކަހަލަ ކުދި އާބާދީއެއްގައި މާ ބައިވަރު ރުފިޔާތަކެއް ފިހާރަ ނުވަތަ ކެފޭތަކެއް ނުވާނެ. ވިޔަފާރިވެރިން މުދަލުގެ އަގު ބޮޑު ކޮށްފިނަމަ އެއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް” މުޖުތަބާ ވިދާޅުވިއެވެ.
ކުރިނބީގައި މިހާރު ހުންނަނީ 5 ފިހާރައެވެ. ކަރަންޓު ސަބްސިޑީ ވިޔަފާރިވެރިންނަށް ކަނޑާލުމާ ގުޅިގެން ހދ އަތޮޅުގެ ކުޅުދުއްފުއްޓާއި މަކުނުދޫ އަދި ވައިކަރަދޫގެ ފިހާރަތައް ބަންދުކޮށް އިހުތިޖާޖް ކޮށްފައިވެއެވެ. ނަމަވެސް މި މައްސަލައަށް ހައްލެއް އަދި ވަނީ ނުލިބިއެވެ.