ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ އުސޫލުން ބޮޑުތިލަދުންމައްޗާމެދު ތަފާތުކުރުންތައް ސަރުކާރުތަކުން ގެންގުޅޭ ކަމަށް ކުޅުދުއްފުށީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ ވިދާޅުވެއްޖެއެވެ.
ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ މުހައްމަދު މޫސާ ވިދާޅުވީ ބޮޑުތިލަދުންމައްޗާ ދޭތެރޭ ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށާއި ދަރިއަކާއި ދޮންދަރިއަކާ ދެމެދުގެ ތަފާތު ބޮޑުތިލަދުންމަތީގައި އެބަހުރި ކަމަށެވެ.
މުހައްމަދު މޫސާ ވިދާޅުވީ ބޮޑުތިލަދުންމަތި ފެންނަނީ ވޯޓް ހޯދަންވީމާ ކަމަށާއި ކަމެއް ކޮށްދޭންވީމާ ބޮޑުތިލަދުންމަތި ނުފެންނަ ކަމަށެވެ. އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ.
ވިޔަފާރިވެރިންނަށް ދެމުންދިޔަ ކަރަންޓު ސަބްސިޑީ ކަނޑާލުމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ބޮޑުތިލަދުންމަތީގެ ހުރިހާ ވިޔަފާރިވެރިން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް މުހައްމަދު ވިދާޅުވިއެވެ. އަދި އަމިއްލަ ހައްގު ހޯދަން ނިކުންނަންޖެހޭނީ އަމިއްލައަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކަރަންޓު އަގުކުރުމުގައި މާލެ އާއި އައްޑޫއަށްވުރެ ހދ، ހއ އަދި ށ އަތޮޅުގައި އަގު ބޮޑުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި ހަމަހަމަކަން އޮންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން ހިސާބު ހަދަން މިހާރު ގެންގުޅޭ ކަލްކިއުލޭޓަރ ބޭނުންނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކަރަންޓު ސަބްސިޑީ ކަނޑާލުމުން އުތުރުގެ ގިނަ ރަށްތަކެއްގައި އިހުތިޖާޖު ކުރަމުންދާއިރު ހއ، ހދ އަދި ށ ގައި ވިޔަފާރިވެރިންނަށް ކަރަންޓު 100 ޔުނިޓާއި ހަމައަށް ޔުނިޓަކަށް 4.50ރ. އަރާއިރު އައްޑޫގެ ވިޔަފާރިވެރިންނަށް 100 ޔުނިޓާއި ހަމަޔަށް ޔުނިޓަކަށް އަރަނީ 3.25ރ. ކަން ފާހަގަކޮށްލެވެއެވެ.