ރައްޔިތުންނަށް ދެމުން އައި ސަބްސިޑީ ކަނޑާލައި ސަރުކާރުން ރައްޔިތުންނަށް ބިކަކުރަމުންދާތީ އެކަމާއި ދެކޮޅަށް ގައުމީ ހަރަކާތް އަތޮޅު ތެރެއަށް ފުޅާކުރުމަށް ނިންމާފައިވާތީ މާދަމާ ގައުމީ ހަރަކާތުގެ ޓީމެއް އުތުރުގެ ރަށްތަކަށް ދަތުރުކުރާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަނިޔާވެރިކަމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ހަރަކާތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ މާދަމާ ގައުމީ ހަރަކާތުގެ ޓީމެއް އުތުރަށް ދަތުރުކުރާއިރު ކަރަންޓު އަގު ހެޔޮކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ އެބޭފުޅުން ނުކުމެ ތިއްބެވީ ހަމައެކަނި ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ފަރާތްތަކަށް ހައްގު ހޯދައިދިނުމަށް އެކަނި ނޫން ކަމަށާއި ރައްޔިތުންނަށް ލިބެމުންދާ އަނިޔާއިން ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރައްޔިތުންނާދެވޭ ކޮންމެ އަނިޔާއަކާއި ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
މާދަމާ އުތުރަށް ގައުމީ ހަރަކާތުގެ ޓީމެއް ދަތުރުކުރުމަށް ހަމަޖެހިފައިވާކަން އަލީ ވަހީދު ހާމަކުރެއްވިނަމަވެސް ދަތުރުކުރާނީ ކޮން ރަށްތަކަކަށް ކަމެއް ހާމައެއްނުކުރައްވައެވެ.