ވިޔަފާރިވެރިންނަށް ދެމުންދިޔަ ކަރަންޓު ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވެ ދިމާވެފައިވާ ދަތިތަކަށް ހައްލެއް ނުހޯދައި ގެއަކަށް ނުވަންނާނެ ކަމަށް ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާ މުއާމަލާތް ކުރުމަށް އުފައްދާފައިވާ ކުޅުދުއްފުށީ ވިޔަފާރިވެރިންގެ ކޮމެޓީން ބުނެފިއެވެ.
އެ ކޮމެޓީއިން ބުނީ މިހާރު ކަރަންޓު ބިލް އިންތިހާއަށް ބޮޑުވެ ވިޔަފާރިވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިޔަފާރިވެރިން އެކުގައި މަސައްކަތް ކޮށްގެން މިކަމަށް ހައްލެއް ހޯދެނޭ ކަމަށް އުއްމީދުކުރާ ކަމަށްވެސް އެ ކޮމެޓީން ބުނެއެވެ.
މިއަދު ވަނީ މި ކޮމެޓީން އިސްނަގައިގެން ވިޔަފާރިވެރިންގެ ކަރަންޓު ބިލުތައް އަނބުރާ ފެނަކައާ ހަވާލުކޮށްފައެވެ. އަދި މިހާރު ކަރަނޓު ބިލަށް ނަގަމުންދާ ރޭޓްގައި ބިލު ހަދާނަމަ ކަރަންޓު ބިލް ނުދެއްކޭނެ ކަމަށްވެސް އެ ކޮމެޓީން ބުނެއެވެ.
ކުޅުދުއްފުށީ ވިޔަފާރިވެރިން އިސްނަގައިގެން ސަބްސިޑީ މައްސަލައަށް އެކުގައި މަސައްކަތް ކުރަމުންދާއިރު މި މަހުގެ 5 ވަނަ ދުވަހު ވަނީ ކުޅުދުއްފުށީގެ ފިހާރަތައް ބަންދުކޮށް އިހުތިޖާޖްވެސް ކޮށްފައެވެ. ނަމަވެސް މި މައްސަލައަށް އަދި ވަނީ ހައްލެއް ނުލިބިއެވެ. ކުޅުދުއްފުށީ ފިހާރަތައް ބަންދުކުރުމާއެކު މަކުނުދޫ އަދި ވައިކަރަދޫގެ ފިހާރަތައްވެސް ބަންދުކޮށްފައިވެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް ކުޅުދުއްފުށީ ވިޔަފާރިވެރިން ގުޅިގެން އުފެއްދި ސްޓިއަރިން ކޮމެޓީ މިހާރު އުވިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މި ކޮމެޓީގެ ޗެއާރމަން މުހައްމަދު ޒުހެއިރު އަދި ކޯ ޗެއަރމަން ޖައުފަރު އަލީ އިސްތިއުފާ ދެއްވާފައިވުމުން މި ކޮމެޓީ ވަނީ އުވި ގޮސްފައެވެ.