ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލާ އިހުތިޖާޖްކުރި 4 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
“ކުޅުދުއްފުށި އޮންލައިން”އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ދިއްދޫ ދާއިރާގެ ސެކްޓްރީ ޖެނެރަލް އަލީ ހާޝިމް ވިދާޅުވީ އިއްޔެ ދިއްދޫގައި މިނިވަން 50 ފާހަގަކުރުމަށް ބޭއްވި މިޒިކް ޝޯވގެ ތެރޭގައި ބެނާ ހިފައިގެން ރައީސް ނަޝީދު ދޫކޮށްލުމަށް އަޑުއުފުލި 4 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ ހއ ދިއްދޫ އޯސަންވާދީ އަބުދުﷲ ވަހީދު، ހެޕީސްޓަރ އަހުމަދު ސައީދު، ރެޑްރޯސް އަހުމަދު ރަޝީދު އަދި ސުވޭދާމަންޒިލް އަލީ އަހުމަދެވެ.
މީގެތެރެއިން އަބުދުﷲ ވަހީދު ބަންދަށް މިހާރު ވަނީ 7 ދުވަސް ޖަހާފައެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހާފައިވަނީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ.
އަލީ ހާޝިމް ވިދާޅުވީ ހޯރަފުށީ ކޯޓަށް ގެންދިޔައީ ދިއްދޫ ކޯޓުން މުއްދަތު ޖަހައިނުދިނުމުން ކަމަށާއި ހޯރަފުށީ ކޯޓުގައިވެސް މުއްދަތު ޖެހުމަށް ގެނެސްފައިވަނީ ތުރާކުނު ކޯޓުގެ ގާޒީ ކަމަށެވެ. ހާޝިމް ވަނީ ފުލުހުން ބޭނުންވާ ގޮތަށް މުއްދަތު ޖަހައިދޭ ގާޒީއެއް ހޯރަފުށީ ކޯޓަށް ގެނެސްގެން މުއްދަތުޖެހީ ކަމަށް ތުހުމަތު ކޮށްފައެވެ.
އަލީ ހާޝިމް ވިދާޅުވީ އިއްޔެ އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދިއްދޫގައި ބޭއްވި ހިނގާލުމަށް ވަދެގަނެ މާރާމާރީ ހިންގި ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ ދިއްދޫ އަލިދުއްފަރު އަބުދުﷲ ރަޝީދު ފުލުހުން ހައްޔަރުކުރިތާ 30 މިނެޓް ތެރޭގައި ދޫކޮށްލާފައިވާ ކަމަށެވެ.