ތިލަދުންމައްޗަކީ ދިވެހި ޤައުމުގެ ދިފާއުގައި އާއި ޤައުމުގެ މިނިވަންކުމުގެ ދިފާއުގައި ލޭ އޮހޮރުވާލި އެތައް ދަރިންނެއް އުފަންކުރި ސަރަހައްދެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.
ހުސެއިން ވަހީދު މިހެން ވިދާޅުވީ ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“މިރަށަކީ އަދި މުޅި ތިލަދުންމައްޗަކީ ދިވެހި ޤައުމުގެ ސިޔާދަތު ދަމަހައްޓާ ޤައުމުގެ ދިފާއުގައި. ރައްޔިތުންގެ ދިފާއުގައި. ރައްޔިތުންގެ ކަރާމަތާ މިނިވަންކަމުގެ ދިފާއުގައި ލޭ އޮހޮރުވާލި އެތައް ދަރިންނެއް އުފަންކުރުވި ރަށެއް. އެތައް ދަރިންނެއް ބިނާކުރުވި ސަރަހައްދެއް” ކޮމިޝަނާ ވިދާޅުވި އެވެ.
އުތީމް 3 ބަދަވީންގެ ގޮތުގައި ތާރީހުގައި ލިޔެވިގެންދިޔަ ބޮޑުތަކުރުފާނާއިި އަލީ ތަކުރުފާނާ އަދި ހަސަން ތަކުރުފާނުގެ މަތިވެރި ޖިހާދަށް އަލިއަޅުވައިލަވަމުން ހުސެއިން ވަހީދު ވިދާޅުވީ ދިލަގަދަ އަތްވައި ވާރޭގައި މާކަނޑުގެ ބިޔަ ރާޅުތަކުގައި ކަޅުއޮއްފުއްމީގައި ޖެހިލުމެއްނެތި ދަތުރުކޮށް ރާއްޖެ ރާއްޖެއެއްގެ ގޮތުގައި ބޭއްވުމަށް ކުރެއްވި ވަރުގަދަ ޖިހާދުން މިއަދުގެ ދަރީން އިބްރަތް ހާސިލުކުރަންޖެހޭ ކަމަށެވެ.
ރޭ ބޭއްވި ޖަލްސާގައި ނައިބް ރައީސް ވެސް ބައިވެރިވެވަޑައިގެން–ފޮޓޯ: ވާހިދު
“ނޮވެމްބަރު 3 އުދުވާނީ ހަމަލާގައި އެދުވަހު ޤައުމާ ވަތަނުގެ ދިފާއުގައި މާތްވެގެންވާ އިސްލާމް ދީނަށް ނަސްރު ހޯދައި ދިނުމަށް ނުކުތް އަގުހުރި ދަރިޔަކީ ކުޅުދުއްފުށީގެ ފަސްގަނޑަށް އުފަން ބަތަލް ޝަހީދު ހުސައިން އާދަމް. މިއަދު ކުޅުދުއްފުށީގައި ފުލުހުންގެ އަހަރީ ދުވަހުގެ އިހްތިފާލު ކުރަމުންދާއިރު ޤައުމު ވަނީ
ބޮޑުތަކުރުފާނާއި ޝަހީދު ހުސައިން އާދަމާއި ދޮންބަންޑާރައިނާ އަލިރަސްގެފާނު ފަދަ ބަތަލުން ކޮށްދެއްވި ޤައުމީ ހިދުމަތް އަނބުރާ ހޯދަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފާ” ހުސެއިން ވަހީދު ވިދާޅުވި އެވެ.
ހުސެއިން ވަހީދު ވިދާޅުވީ ރާއްޖެއަކީ މިނިވަން ޤައުމެއް ނަމަވެސް ސިޔާސީގޮތުން ފިއްތުންތަން ބޮޑު ޤައުމެއްކަމުގައި ގަބޫލުކުރަންޖެހޭ މިއަދު ޖެހޭ ކަމަށެވެ. އަދި މިނިވަންކަމުގައި މިލޮބުވެތި ފަސްގަނޑުގައި އުޅުނަސް އަވަށްޓެރިންނާ ދުރުގާތް ރަހުމަތެރިންގެ ނުފޫޒުގެ ވަކިތަކުން ޤައުމު ވަނީ ވަށާލާފައި ކަމަށެވެ.