ޤައުމުގެ ވެއްޓާއި ރައްޔިތުންގެ އިޖުތިމާއީ ފޭރާން އަދި އިޖްތިމާއީ ހާލަތު މިހާރަށް ވުރެ ވަރުގަދަ ކުރުމަށްޓަކައި ފުލުހުން ކުރަންޖެހޭ މަސައްކަތް އިތުރު ކުރަންޖެހޭ ކަމަށް ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ކުށް މަދުކުރުމަށް މިހާރުވެސް ފުލުހުން ގިނަ މަސައްކަތެއް ކުރައްވައި ކަމަށާއި އަދި ކުށްމަދު ކުރުމަށް ފުލުހުން ކުރައްވައި މަސައްކަތް އިތުރުކޮށް، ފުލުހުންގެ އެންމެ “އިސް މަގުސަދަކަށް” ވާންވާނީ މުޖުތަމައު ކުށްމަދުކުރުމުގެ މަސައްކަތްކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި ފުލުހުން އަދާކުރަނީ ގައުމީ ވާޖިބާއި ގައުމީ މަސްއޫލިއްޔަތެއް ކަމަށާއި އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ވަރަށް މުހިއްމު ދައުރެއް ފުލުހުން އަދާކުރައްވައި ކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ. ރާއްޖޭގައި އަމަން އަމާން ކަން ގާއިމް ކުރުމަށް ފުލުހުން އަދާކުރަމުން ގެންދާ މަސައްކަތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކޮށް ޝުކުރުއަދާކުރެއްވި އެވެ.
ކުށްކުރާ މީހުން ހޯދައި ކުށް ތަހުގީގުކުރުމަށް ފުލުހުން ބުރަ މަސައްކަތެއް ކުރައްވާ ކަމަށާއި ފުލުހުންގެ ހިދުމަތް މުޖުތަމައު ވަނީ ވަރަށް ބޮޑަށް ބޭނުން ވެފާކަމަށް ނައިބް ރައީސް ފާހަގަކުރެއްވި އެވެ. އަދި މުޖުތަމައުގައި ހިންގާ ބޮޑެތި ކުށްތައް ހުއްޓުވާއި އިޖްތިމާއީ ބޮޑެތި ކަންކަމުގައި ރައްޔިތުންނާއި ގުޅިގެން އެކީ މަސައްކަތްކުރާ ބަޔަކަށް ވުމަށް އެމަނިކުފާނު ފުލުހުން ކިބައިން އެދިވަޑައިގެންނެވި އެވެ.
ދިވެހި ރާއްޖޭގެ ފުލުހުންގެ މުއައްސަސާއަށް ފުލުހުންގެ ހާލަތު ބަދަލު ކުރުމަށްޓަކައި މަސަައްކަތުގެ މައިދާނުގައި ދިމާވާ ގޮންޖެހުންތައް ފަސޭހަކޮށްދިނުމަށްޓަކައި ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ރައީސް ޔާމިން ކުރައްވާކަމަށްވެސް ނައިބް ރައީސް ވިދާޅުވި އެވެ.
“ފުލުހުންގެ އޮފަރޭޝަނަލް މަސައްކަތުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ވަސީލަތަތް ފޯރުކޮށްދިނުމުގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް މި ހުރިހާ ކަމަކަށް ލޮބުވެތި ރައީސަށް ފުލުހުންގެ ނަމުގައި ހާއްސަ ޝުކުރެއް ދަންނަވަން” ނައިބް ރައީސް ވިދާޅުވި އެވެ.