ވިޔަފާރިވެރިންނަށް ދެމުންގެންދިޔަ ވިޔަފާރި ސަބްސިޑީ ކަނޑާލުމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް ކުޅުދުއްފުށީ ވިޔަފާރިވެރިންގެ ކޮމެޓީއިން ނައިބު ރައީސް މުހައްމަދު ޖަމީލްއާ ހިއްސާކޮށްފިއެވެ.
މިއަދު ނައިބު ރައީސް ވިޔަފާރިވެރިންގެ ކޮމެޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ހުސެއިން އަލީ އަދި އާދަމް ޝަރީފް ބައްދަލުކޮށްފައިވާއިރު މި ނޫހަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ އުތުރާއި ދެކުނުގައި ކަރަންޓު ނަގަމުންދާ އަގުގައި ބޮޑު ތަފާތެއް ހުރުމުން އެކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ކަރަންޓު ނަގާ ރޭޓްތައް ހަމަހަމަކުރުމަށް ނައިބު ރައީސްގެ އަރިހުން އެދިފައިވާއިރު އުތުރުގެ ހއ، ހދ އަދި ށ އަތޮޅަށް ކަރަންޓު ނަގާ ރޭޓް ބޮޑުވެ ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކަރަންޓު ބިލްތައް އިންތިހާއަށް ބޮޑުވެފައިވުމަކީ މި ތިން އަތޮޅުގެ ރައްޔިތުންވެވޭ ބޭއިންސާފެއް ކަމަށް ނައިބު ރައީސްގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ މި މައްސަލަ ރައީސް ޔަމީންއާ ހަމައަށް ގެންގޮސްދެއްވާނެ ކަމަށް ވައުދުވެފައި ކަމަށެވެ. އަދި ނައިބު ރައީސްއަކީ ކަރަންޓާބެހޭ ދާއިރާއަށް ފަރިތަ ފަރާތަކަށް ނުވާތީ އެކަމަށް އެއްޗެއް ދަންނަވަން ދަތި ކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކަރަންޓު ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކަރަންޓު ބިލްތައް އިންތިހާއަށް ބޮޑުވެ ކަންބޮޑުވުންތައް ގިނަވެފައިވާއިރު އާދަމް ޝަރީފް ވިދާޅުވީ ކުޅުދުއްފުށީ ވިޔަފާރިވެރިންގެ ކޮމެޓީއިން މި މައްސަލަ މިހާރު ރައީސްގެ ސަމަލުކަމަށް ގެނެސްފައިވާ ކަމަށާއި އަވަހަށް ނަތީޖާއެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ކުޅުދުއްފުށީ ވިޔަފާރިވެރިންގެ ކޮމެޓީގެ ނައިބު ރައީސް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ވިޔަފާރިވެރިންގެ ކޮމެޓީއިން އިސްނަގައިގެން ފެނަކަ ކޯޕަރޭޝަންއަށް ކަންބޮޑުވުންތައް ހާމަކަކޮށް ޕެޓިޝަނެއްވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ ހުށައަޅާފައެވެ.