ސަރުކާރުން ހދ.އަތޮޅުގައި ކުރަން ފަށާފައި ހުރި ގިނަ މަސައްކަތަކެއް ހުއްޓިފަ ހުރުމުން،ނައިބް ރައީސް ޑރ ޖަމީލާ ބައްދަލުކުރައްވައި ހދ. އަތޮޅު ކައުންސިލުނާއި ކުޅުދުއްފުށީ ކައުންސިލުން އެމަނިކުފާނުގެ އަރިހުގައި ޝަކުވާ އުފުލައިފި އެވެ.
އަތޮޅު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ އަބްދުލްމުހައިމިން ވިދާޅުވީ މި ބައްދަލުވުމުގައި އަތޮޅުތެރޭގެ ރަށްރަށުގައި ތަރައްގީއަށް ކުރަންފަށާ ހުއްޓިފައި ހުރި މަސައްކަތްތަކާއި ކުޅުުދުއްފުށީގައި ހުއްޓިފައި ހުރި ބައެއް މަސައްކަތްތަކުގެ އިތުރުން ހަނިމާދޫ އެއާޕޯޓުގެ ވާހަކަ ނައިބް ރައިސާއި ހިއްސާކުރެވިފައިވާނެ ކަމަށެވެ.
އެގޮތުން މިއަންނަ އަހަރަށް ކުޅުދުއްފުށީގައި އިތުރު ޕްރީ ސްކޫލެއް ގާއިމް ނުކުރެވިއްޖެނަމަ ދިމާވާނެ ޖާގައި ދަތިކަމާއި ބޭހޭގޮތުން މަޝްވަރާ ކުރެވުނުކަމަށާއި އޭގެ އިތުރުން ކުޅުދުއްފުށީ ހިއްކި ބިން ގިރަމުންދާ މައްސަލައާއި އަޅަން ފަށާފައިވާ ރޯހައުސްތަކުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ ބެހޭގޮތުންވެސް މަޝްވަރާކުރެވިފައިވާނެ ކަމަށް މުހައިމިން ވިދާޅުވި އެވެ.
މުހައިމިން ވިދާޅުވީ ހދ އަތޮޅަށާއި ކުޅުދުއްފުއްޓަށް ދިމާވެފައިވާ މައްސަލަތައް އައްސަވައި އެކަމާއި ބެހޭ ވުޒާރާތަކާއި މަސްވަރާކުރައްްވާ ޖަވާބެއް އަރުވާނެ ކަމަށް ނައިބްރައީސް ވިދާޅުވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ރަށު ކައުންސިލްގެ ފަރާތުންވެސް ވަނީ ނައިބް ރައީސާ ބައްދަލު ކުރައްވާ ރަށުތެރެއިން ދިމާވެފައިވާ މައްސަލަތަކާއި މިހާރު ރަށުގައި ކުރިއަށްދާ މަސައްކަތްތައްވެސް ހިއްސާ ކުރައްވާފަ އެވެ.
ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ރަށުގެ ތަރައްގީގައި ކުރަމުން އައި މަސައްކަތް ތަކުގެ ތެރެއިން މަގު ހެދުމާއި ރޯ ހައުސްތަކުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވާފައިވާނެ ކަމަށެވެ. އަދި މެޓާނިޓީ ހޯމް ނިމިފައިވާތީ އާއި، ހޮސްޕިޓަލްގެ ގިނަ ހިދުމަތްތައް ރަނގަޅު ވެފައިވާތީ އެވާކަތައްވެސް ފާހަކަ ކުރައްވާފައިވާނެ ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.
އަދި ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ މަސްމާރުކޭޓްގެ މަސައްކަތައް އެހީތެރިވުމަށް އެދިފައިވާނެ ކަމަށާއި އެމަސައްކަތައް ހަރަދުވާނެ ކަމަށް ބެލެވޭ ގާތްގަނޑަކަށް ދެއްލައްކަ ފަންސާސް ހާސް ރުފިޔާ ގެ އެހީ ސަރުކާރުގެ ވެދެއްވައިފިނަމަ ރައްޔިތުންގެ މާލިއްޔާއިން އެރުފިޔާ އިގްތިސާދު ކުރެވިގެންދާނެ ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.
އަލީ މުހައްްމަދު ވިދާޅުވީ އިކްނޮމިކް މިނިސްޓްރީއާއި ވާހަކަ ދެއްވުމަށްފަހު އެކަމަށް ވަކި ޖަވާބެއް ދެއްވާނެ ކަމަށާއި ކުޅުދުއްފުއްޓަށް ދިމާވެފައިވަ މައްސަލަތައްވެސް ސަރުކާރާ ހަމައަށް ގެންގޮސްދެއްވާނެ ކަމަށްވެސް ނައިބް ރައީސް ވިދާޅުވި ކަމަށެވެ.