ޤައުމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ނަޒާހަތްތެރިކަން ރަމްޒުކޮށްދޭ ބިނާއެއް މިއަދު ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.
ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި ބިނާ ހުޅުވައިދެއްވީ އެކޮމިޝަންގެ ރައީސް ހަސަން ލުތުފީ އެވެ. ބިނާ ހުޅުވުމަށް ފަހު އެތަން ވަނީ ކުޅުދުއްފުށީ ކައުންސިލާ ހަވާލުކޮށްފަ އެވެ.
ބިނާ ހުޅުވައިދެއްވުމަށް ފަހު އޭސީސީގެ ރައީސް ވާހަކަ ދައްކަވަނީ
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ މި ބިނާއަކީ ނަޒާހަތްތެރިން ކުރިއަރުވަން ކުރާ މަސައްކަތައް ރަމުޒްކޮށްދޭ ބިނާއެއް ކަމަށާއި މި ބިނާ މިތަނުގައި ހުޅުވުމުގެ ބޭނުންމަކީ ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް މި މެސެޖް ދިނުންކަމަށެވެ.
އޭނާ ވިދާޅުވީ ކޮރަޕްޝަނަކީ އެންމެ ދުވަހަކު ފޮހެލެވޭނެ ކަމެއް ނޫން ކަމަށާއި މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުންމަކީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުއްފެދުން ކަމަށެވެ.
ބިނާ ކުޅުދުއްފުށީ ކައުންސިލާ ހަވާލުކޮށްދެނީ
މި ރަސްމިއްޔާތުގައި ކުޅުދުއްފުށީގައި ހުންނަ ސަރުކާރު މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވި އެވެ. އެންޓި ކޮރަޕްޝަން ދުވަހު ޤައުމީ ފެންވަރުގައި މިއަހަރު ފާހަގަ ކުރަނީ ކުޅުދުއްފުށީގަ އެވެ.