ވިޔަފާރިތަކަށް ސަރުކާރުން ދެމުން ގެންދިޔަ ކަރަންޓް ސަބްސިޑީ ކަނޑާލުމުގެ މަގްސަދަކީ ރައްޔިތުން ނިކަމެތިކޮށް އަޅުވެތިކުރުން ކަމަށް ހދ އަތޮޅު ކައުންސިލްގެ ނޮޅިވަރަން ދާއިރާގެ މެމްބަރު ހުސެއިން ހަސަން ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގެ ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް ރޭ ކުޅުދުއްފުށީގެ ވިޔަފާރިވެރިން ކޮމެޓީ ބޭއްވި ބައްދަލުވުމެއްގައި ހުސެއިން ވިދާޅުވީ ސަރުކާރުން ބޭނުންވަނީ 2018 ވަނަ އަހަރުގެ އިންތިހާބު އަންނަވާއިރަށް 500 ރުފިޔާއަށް ވޯޓް ގަނެލެވޭ ވަރަށް ރައްޔިތުން ނިކަމެތިކުރުން ކަމަށެވެ.
” މިކުރާ ކަމަކީ [ސަރުކާރުން] 2018 ވަނަ އަހަރާ ހަމައަށް ރައްޔިތުން ނިކަމެތިކުރުން. އޭރުން 500 ރުފިޔާއަށް 300 ރުފިޔާއަށް 200 ރުފިޔާއަށް ވޯޓެއް ގަނެލެވޭހާ ވަރަށް ރައްޔިތުން ތިބޭނީ ނިކަމެތިވެފަ” ހަސަން ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ވިޔަފާރިވެސް ކުރައްވައި ހުސެއިން ރައީސް ޔާމީނަށް އިޝާރާތް ކުރައްވައި ވިދާޅުވީ “އިޤުތިސާދީ މާހިރު”ގެ ބޭނުންމަކީ ރައްޔިތުން ނިކަމެތިކޮށް، އަޅުދާސްކޮށް އަޅުވެތިކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ ވިޔަފާރިވެރިން ކިއްތަމެއް ވަރަކަށް އިހްތިޖާޖްކުރިނަމަވެސް ސަރުކާރަކުން އަޑުނާހާނެ ކަމަށެވެ.
” އަޅުގަނޑުމެން ކިއްތަމެއް ވަރަކަށް އިހްތިޖާޖް ކުރިއަސް އަޑު އަހާނެ ސަރުކާރެއް ނޫން މި އެއް. ކަންފަތަށް އަޑުއިވޭ ބަޔަކު އަޑު އަހާނީ” ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ މިކަމުގެ ސީދާ ގެއްލުންވާނީ ވިޔަފާރިވެރިންނަށް ނޫން ކަމަށާއި މިކަމުގައި ހުރިހާ ވެސް ގެއްލުމެއް ވާނީ އާއްމު ރައްޔިތުންނަށް ކަމަށެވެ. އެހެން ކަމުން ރައްޔިތުން އެކަމަށް ހޭލުންތެރިކުރުމަށް އޭނާ ވިޔަފާރިވެރިންގެ ކޮމެޓީ އެދުނެވެ.