މޭވާ އަށާއި ތަރުކާރީ އަށް އެންމެ ބޮޑު ގެއްލުންދޭ ސޫފި ފުރުޓް ފްލައި, ށ. ފީވަކުން ފެންނަތާ މިހާރު ގާތްގަނޑަކަށް 2 އަހަރު ވެފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިނުން” ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފީވަކު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަލީ ޔާސިރު ވިދާޅުވީ 2 އަހަރު ކުރިންވެސް ފުރުޓް ޕްލައި ފެނުމާއެކު އެއިރުގެ އެގްރިކަލްޗާރ މިނިސްޓްރީއަށް މައްސަލަ ހުށައަޅާފައިވާނެ ކަަމަށާއި އެހެންނަމަވެސް މިހާރު އެބޭފުޅުން ވިދާޅުވެފައިވަނީ ކުރިން އެފަދަ މައްސަލައެއް ރިޕޯޓް ކުރިކަން އެގެން ނެތް ކަމަށެވެ.
ޔާސިރު ވިދާޅުވީ މިހާރު މި އުޅޭ ލެވެލްއަށް ފްރުޓް ފްލައި އުޅޭކަން ފާހަގަ ވާންފެށީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި މިހާރު ވަނީ އެގްރިކަލްޗާގެ ޓީމެއް އެރަށަށް އައިސް ޕްރުޓް ފްލައިގެ ސާމްޕަލް އަދި އޭގެ ސަބަބުން ހަލާކުވެފައިވާ ބައެއް މޭވާ ވެސް އިތުރަށް ޓެސްޓު ކުރުމަށްޓަކައި ގެންގޮސްފަ އެވެ.
އެގްރިކަލްޗާރގެ ޓީމުން ވަނީ ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ފުރުޓް ޕްލައި އާ ބެހޭގޮތުން މައުލޫމާތު ދެއްވާފައި ކަމަށާއި އެހެންނަމަވެސް ފުރުޓް ޕްލައި ނައްތާލުމަށް ބެހެގޮތުން އެއްވެސް އިރުޝާދެއް ދެއްވާފައިނުވާތީ މިވަގުތު ރަށުފެންވަރުގައިވެސް ފްރުޓް ފްލައި ނައްތާލުމަށް އެއްވެސް މަސައްކަތެއް ކުރެވެމުން ނުދާކަމަށް ޔާސިރު ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން އެރަށުގެ ދަނޑުވެރިންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާކަމަށްވެސް ޔާސިރު ވިދާޅުވި އެވެ.
މޭވާ އަށާއި ތަރުކާރީ އަށް އެންމެ ބޮޑު ގެއްލުންދޭ ސޫފި، ފުރުޓް ފްލައި ރާއްޖެ އިން ފުރަތަމަ ފަހަރަށް ފެނިއްޖެކަމަށް އެގްރިކަލްޗަރ މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.
އެގްރިކަލްޗާ މިނިސްޓްރީން އިއްޔެ ބުނިގޮތުގައި މޭވާ އަށާއި ތަރުކާރީ އަށް އެންމެ ބޮޑު ގެއްލުންދޭ ސޫފި ފުރުޓް ފްލައި ރާއްޖެ އިން ފުރަތަމަ ފަހަރަށް ށ.. ފީވަކު ފެނިފައިވާ ކަމަށެވެ. އެރަށުން ފެނިފައިވަނީ އެންމެ ނުރައްކާތެރި މެހީގެ ބާވަތެއް ކަމަށްވާ “އޮރިއެންޓަލް ފުރުޓް ފްލައި” އެވެ.
މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ފުރުޓް ފްލައިގެ ކަށި، މޭވާގެ އެތެރެއަށް ވައްދާލުމަށް ފަހު މޭވާގެ ތޮށިގަނޑުގެ ތެރެއަށް ބިސްއަޅާ ކަމަށާއި އަދި ބިހުން ފަނި ނިކުތުމަށް ފަހު މޭވާގެ އެތެރެ ކާން ފަށާ ކަމަށެވެ. އެހެންނަމަވެސް މި މެހީގެ ފަނި ހުރި އެއްޗެއް ކެއުމުގެ ސަބަބުން އިންސާނަކަށް އޭގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށްވެސް މި ނޫސް ބަޔާނުގައި ވެއެވެ.