ކޮރަޕްޝަނަކީ ވަބާއެއް ކަމަށާއި ކޮރަޕްޝަން ހުއްޓުވުމަށް ކުރާ ދިގު ދަތުރުގައި ސަރުކާރު މުވައްސަސާތަކާއި ޖަމިއްޔާތަކާއި އަދި އަމިއްލަ ފަރުދުންގެ ބައިވެރިވުން ބޭނުންވާނެ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި ފާހަގަކުރާ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ރޭ ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ ވެރިކަން ހިންގުމުގެ ދާއިރާގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތަކަށް ކިރިޔާވެސް ހީނަރުކަމެއް އަތުވެއްޖެ ނަމަ ޑިމޮކްރަސީ ފުނޑުފުނޑުވެ، އަދުލް އިންސާފްގެ ދާއިރާ ބަލިކަށިވެގެންދާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ކަރަޕްޝަން މަދުވެ، ބޭރުގައި ދިވެހިރާއްޖެ މިނިކިރޭ ގިންތިއަށް ހެޔޮ ބަދަލެއް އައުމަކީ އެދުމެއްކަމަށެވެ. އަދި އެއްދުވަހުން އަނެއް ދުވަހަށް ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ކޮރަޕްޝަންގެ އަމަލްތައް އިތުރުވާ ވާހަކައަކީ ކަންބޮޑުވާ ޖެހޭކަމެއް ކަމަށް އަނިލް ވިދާޅުވި އެވެ.
“ދިވެހި ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނީ، އިޖްތިމާއީ، އިގްތިސާދީ، ސިޔާސީ ގޮތުން ހޯދަން އޮތް ފަރުވާއެއް ހޯދަން ވެއްޖެ ކަމުގައި އަޅުގަނޑު ދެކެން. ވަކިން ހާއްސަކޮށް ފާހަގަކުރަން ކަނޑައެޅިފައިވާ ގާނޫނުތަކަށާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު ތިމަންގެ އަމިއްލަ ފައިދާއަށް ވުރެ ޖަމާއަތުގެ މަސްލަހަތަށް އިސްކަންދިނުމަށާއި މިކުރެވޭކަމުގައި އެހެން ބައެއްގެ ހައްގުތަކެއް ވާކަން ދެނެތިބެ އެފަރާތަކުގެ ހައްގުތަކަށް ރައްކާތެރިވެ ހުޝިޔާރު ވެވިއްޖެނަމަ މިކުރާ ދިގު ދަތުރުގާ، ބޮޑު ޖިހާދުގައި ނަސްރާ ކާމިޔާބު ލިބޭނެ.” އޭޖީ ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަކީ އެންޓި ކޮރަޕްޝަން ކޮމިޝަން އެކަނި އަދާކުރަން ޖެހޭ މަސްއޫލިއްޔަތެއް ނޫން ކަމަށެވެ. އަދި މި ވަބާއިން ސަލާމަތްވުމަށް އެންމެން އެކުއެކީގައި މަސައްކަތްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“އަޅުގަނޑުމެން މި ވަސީލަތްތައް މަދު ފަގީރު ގައުމަށް ތަނަވަސްކަމާއި ކުރިއެރުން ދުވަހަކު މެ ނުލިބޭނެ އަޅުގަނޑުމެންގެ ޅަދަރީނަށާއި ޒުވާނުންގެ މެދުގައި ނަޒާހަތްތެރިކަމުގެ މަތިވެރި އަހްލާގު އާލާކޮށްގެން މެނުވީ. މިކަމުގައި ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުން ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑު އިއުތިމާސްކުރަން.” އަނިލް ވިދާޅުވި އެވެ.
މުހައްމަދު އަނިލް ވިދާޅުވީ ކޮރަޕްޝަނަކީ އިންސާނީ ހަޞާރަތުގެ އެންމެ ކުރީގައި ސޮފްހާތަކުން ވެސް ފެންނަ އޮތް އެއަށް ވެކްސިނެއް ނެތް ވަބާއެއް ކަމަށެވެ.
“އެއީ އިންސާނާގެ ދުލުގެ ކޮޅުގައި ޖައްސާލެވޭ މާމުއި ކޮޅެއް ފަދަ އެއްޗެށް. އެކަމާ ދެކޮޅަށް ކުރާ ޖިހާދަކީ ނިމުމެއް ނެތް މައުނަވީ އަދި ފިކުރީ ޖިހާދެއް ” އަނިލް ވިދާޅުވި އެވެ.