އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހްގީގްކުރުމަށްފަހު ދައުވާ އުފުލަން ފްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ މައްސަލަތަކާ މެދު ވީހާވެސް އަވަހަކަށް ގޮތެއް ނިންމަވައި ދެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުންގެ ރައީސް ހަސަން ލުތުފީ ޕްރޮސެކިއުޓާ ޖެނެރަލަށް އިލްތިމާސްކޮށްފި އެވެ.
“ދައުލަތުގެ ޕީޖީއަށް އިލްތިމާސް މިކުރަނީ އޭސީސީއިން ތަހްގީގުކުރުމަށް ފަހު ދައުވާ އުފުލަން ފޮނުވާފައިވާ މައްސަލަތަކާ މެދު ވީހާވެސް އަވަހަކަށް ގޮތްތަކެއް ނިންމަވާ ދެއްވުމަށް.” ހަސަން ލުތުފީ ވިދާޅުވި އެވެ.
“އަޅުގަނޑުމެން މިތިބީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށްޓަކައި ދައުލަތުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް. މިކަމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް އޭސީސީއިން ވާނެ. ކޮރަޕްޝަން މައްސަލަތަކަށް ނޫނެކޭ ބުނުމުގެ ހިތްވަރު އަޅުގަނޑުމެންގެ އެބަހުރި. އަދި އަޅުގަނޑުމެން އެދެނީ ތިޔަ އެންމެ ބޭފުޅުންވެސް ކޮރަޕްޝަނަށް ނޫނެކޭ ބުނުން.”
އޭނާ ވިދާޅުވީ ގާނޫނީ ނިޒާމްގެ ދޯހަޅި ވާހަކަ އެއީ އެންމެވެސް ދަންނަ ވާހަކައެއް ކަމަށެވެ. ގާނޫނީ ނިޒާމްގެ ދޯހަޅިކަމުގެ ސަބަބުން މައްސަލަތައް ތަހްގީގްކޮށް، ކުށް ސާބިތުކުރުމުގައި ދަތިތަކެއް ދިމާވާކަމަށް ލުތުފީ ފާހަގަކުރެއްވި އެވެ.
ރޭގެ ޖަލްސާގައި އޭސީސީގެ ރައީސްއާއި (ވ) ބަންޑާރަ ނައިބް އަނިލް އަދި ހދ އަތޮޅު ކައުންސިލުގެ ނައިބް އާތިފް–ފޮޓޯ: ވާހިދު
ހެއްކާ ބެހޭ ގާނޫނާ ކްރިމިނަލް ޕްރޮސީޖާ ކޯޑާއި މީގެ ދެ އަހަރު ކުރިން ކޮރަޕްޝަން ހުއްޓުމުގެ ނަމުގައި މަޖިލީހަށް އޭސީސީއިން ހުށަހެޅި ބިލްތައް ވީހާވެސް އަވަހަކަށް ނިންމަވާ ދެއްވުމަށް ރައްޔިތުން މަޖިލީހުގެ މެމްބަރުން ކިބައިން ހަސަން ލުތުފީ އެދި ލެއްވި އެވެ.
ބައެއް މީހުންނަށް ލިބޭ ކުއްލި މުއްސަނދިކަމާ ބެހޭ މައްސަލަތައް ބަލައި ތަހްގީގުކުރުމުގެ ވާހަކައަށް އިޝާރާތްކުރައްވައި އޭސީސީގެ ރައީސް ވިދާޅުވީ އެފަދަ މައްސަލަތައް ގާނޫނުލް އުގޫބާތުގައި ހިމެނުމުން އެއްވެސް މީހަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ލިބޭނީ ކާމިޔާބު ކަމަށާއި އެކަމުން ނަޒާހަތްތެރިކަމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ގާނޫނީ ގޮތުން އޭސީސީއަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލަ ދެއްވުމަށް ދައުލަތުގެ ބަންޑާރަ ނައިބް އަރިހުން ހަސަން ލުތުފީ އެދިވަޑައިގަތެވެ.
“ދައުލަތުގެ ލެޖިސްލޭޓިވް އެޖެންޑާގެ އެންމެ ކުރީގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ގާނޫނުތައް ހިމަނާ ދެއްވުމަށް އަޅުގަނޑު ބަންޑަރަ ނައިބްގެ އަރިހުން އެދެން. އަދި އެ ބިލްތައް ގާނޫނުތަކަށް ބަދަލުކޮށް، ފާސްކޮށްދެއްވުމަށް ރައްޔިތުން މަޖިލީހުގެ އިއްޒަތެރި މެމްބަރުންގެ އަރިހުން އަޅުގަނޑު އެދެން .” ހަސަން ލުތުފީ ވިދާޅުވި އެވެ