ރިސޯޓް ތަރައްގީކުރުމަށް ސަރުކާރުން ހުޅުވާލި ރަށްތަކާމެދު ނިންމި ގޮތެއް ރަސްމީކޮށް އަންގާފައި ނުވާކަމަށް ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން އާދަމް ނަސީރު ވިދާޅުވީ އެ ރަށްތަކާ މެދު ނިންމާވާގޮތެއް ރަސްމީކޮށް އަންގާފައި ނެތް ނަމަވެސް ވާހަކަ ދެކެވިފައިވަނީ އަލުން އިއުލާން ކުރުމަށް ކަމަށާއި އަދި މިހާރުވެސް ރިސޯޓް ހެދުމަށް ހުޅުވާލި ރަށްތަކާ ބެހޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
އޭގެ އިތުރުން މީގެ ދިހަ އަހަރު ކުރިން ފެށިގެން ރިސޯޓްތަކާއި ހޮޓާ ފަދަ ތަންތަން ތަރައްގީ ކުރުމަށް އެކި ފަރާތަކަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އަމަލީ މަސައްކަތް ކޮށްފައިނުވާތީ ލީސް އެގްރިމެންޓްތައް ބާތިލް ކުރި ރަށްތަކުގެ ތެރޭގައި ހިމެނުނު ހދ ހޮނޑާފުށީގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމަށް ވެސް އާދަމް ނަސީރު ވިދާޅުވި އެވެ.
މިކަމާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ ބަހެއްވަނީ ލިބޭގޮތް ނުވެފަ އެވެ.
މިދިޔަ މާރޗް މަހު ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ލިރާރް ވިދާޅުވެފައިވަނީ ރިސޯޓް ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކުރި ހދ އަދި ށ ގެ ފަސް ރަށާމެދު ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށާއި ރަށްތައް ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރައްވާނީތޯ ނުވަތަ ކުރިން އިއުލާނަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތަށް ރަށް ދޫކުރާނީތޯ އަދިނުނިންމަވާ ކަމަށެވެ.
ށ އަދި ހދ އަތޮޅުގެ ފަސް ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން މީގެކުރިން ހުޅުވާލި ފުރުސަތަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އެ އިއުލާން ވަނީ ބާތިލް ކޮށްފަ އެވެ.