ކުޅުދުއްފުށީގައި އަޅަން ހަމަޖެހިފައިވާ ވަގުތީ މަސް މާރުކޭޓްގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމުމަށް އޮއިވާލި ކޮންސްޓްރަކްޝަނާ ހަވާލުކޮށް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.
އަލީ މުހައްމަދު ވިދާޅުވީ އަމާޒަކީ ރޯދަމަސް އައުމުގެ ކުރިން މަސްމާރުކޭޓްގެ މަސައްކަތް ނިންމާލާ އެތަން ބޭނުން ކުރެވެން ފެށުން ކަމަށާއި އެމަސައްކަތް ކުރިއަށް ދާއިރު މަސްވެރިންނާއި ރައްޔިތުންގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ.
އޭގެ އިތުރުން މަސްމާރުކޭޓްގެ މަސައްކަތް ކުރިއަށްދާއިރު މަސްވެރިންނަށާއި މަސްކެނޑުމަށް އެސަރަހައްދުގައި ހަރާކާތްތެރި ވާ މީހުންނަށާއި އަދި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަަަކައި ކައުންސިލްގެ ފަރާތުން މާފަަށް އެދެކަމަށެވެ.
ރައްޔިތުންގެ މާލިއްޔާއިން ހަރަދުކޮށްގެން އެޅުމަށް ހަމަޖެހިފައިވާ މި މަސްމާރުކޭޓްގެ މަސައްކަތަށް ގާތްގަނޑަކަށް ދެލައްކަ ސާޅީސް ނުވަހާސް ރުފިޔާ ހަރަދުވާނެ ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ. މިއީ ވަގުތީ މަސްމާރުކޭޓެއް ނަމަވެސް މަސްމާރުކޭޓް އެޅުމަށް ހަމަޖެހިފައިވަނީ ރީތިކޮށް މުށިޖަހާ މަސްކެޑުމަށް ފަސޭހަވާނެހެން ފެން އިސްކުރު ވެސް ހަރުކުރެވިގެން ނެވެ.