މާލީ ގޮތުން މިދިޔަ އަހަރު ލިބުނު ކުރިއެރުމާއެކު ބީއެމްއެލް އިން ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ރެކޯޑް އަދަދެއް ހުށަހަޅައިފި އެވެ.
ބޭންކުން ވަނީ ހިއްސާދާރުންނަށް 2014 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއްކަމަށްވާ 86.1 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފައެވެ. މިއީ ހިއްސާއަކަށް 16 ރުފިޔާ ގެ މަގުންނެވެ.
ފުރަތަމަ ފަހަރަށް ހިންގުމުގެ ފައިދާ ވަނީ 1 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައެވެ. މިއީ 2013 ވަނައަހަރާ އަޅާބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސް، އުފެއްދުންތެރި ނޫން ބައެއް ލޯނުތަކަށް ހަދަން ޖެހޭ ޕްރޮވިޝަން އަދި ދައްކަންޖެހި ނުދައްކާ ހުރި ލޯނުގެ ފައިސާ އުނިކުރުމަށްފަހު ސާފު ފައިދާވަނީ ކުރީ އަހަރާ އަޅާބަލާއިރު 81 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. ޖުމްލަ ދިވެހި ފަރުދުންނަށާއި ވިޔާފާރިތަކާއި އަދި ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނު ނުވަތަ ފައިނޭންޝަލް އެސެޓް 23 އިންސައްތައިން އިތުރުވެފައިވާއިރު ބޭންކަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ 25 އިންސައްތަ އިތުރުވެފައެވެ.
ވޭތުވެދިޔަ އަހަރަކީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށާއި އައު ޓެކްނޮލޮޖީ އާއި ކަސްޓަމަރުންނަށްދޭ ޚިދުމަތް ރަނގަޅުކުރުމަށް ވަރަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވުނު އަހަރަކަށް ވީނަމަވެސް، މާލީގޮތުން ވަރަށް ރަނގަޅު ނަތީޖާ ހޯދިފައިވާކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ނަތީޖާ އާމެދު ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، ބޭންކުން ހަރުދަނާ ކުރިއެރުންތަކެއް ހޯދަމުން އަންނަކަމަށާއި މާލީ ގޮތުން ހާސިލުކުރެވުނު ނަތީޖާއާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ދެވޭ ހިދުމަތް ރަނގަޅު ކުރެވިފައިވާ ކަމަށާއި މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ވޭތުވެދިޔަ އަހަރެއްހައި ދުވަހުގެ ތެރޭ 95 ރަށަށްވުރެ ގިނަ ރަށުގައި ބޭންކިންގ ޚިދުމަތް ފެށިފައި ވާކަމަށެވެ.
“2014 ވަނަ އަހަރަށް ބަލާލާއިރު ފެންނަ އެންމެ އުފާވެރި މަންޒަރަކީ ކުރެވިފައިވާ ތަފާތު މުހިންމު އިންވެސްޓްމަންޓްތަކުން ކުރިއަށް އޮތް އަހަރުތަކުގައި މި ބޭންކުގެ ކަސްޓަމަރުންނަށާއި މުޅި ޤައުމަށް ބޮޑެތި ފައިދާތައް ކުރަމުންދާނެކަން. މި އިންވެސްޓްމަންޓްތަކުގެ ތެރޭގައި މުޅި ބޭންކުގެ ތާރީހުގައި ހިންގުނު އެންމެ ބޮޑު ޓެކްނޮލޮޖީ ބަދަލުކުރުމުގެ ޕްރޮގްރާމާއި، މުޅި ޤައުމަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގުނު ޕްރޮޖެކްޓް ހިމެނޭ. އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކިންގ ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެތަކެއް މަސައްކަތް ކުރެވި، ސެލްފް ސާވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށް ބްރާންޗްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތްކުރެވުނު.” އެންޑްރޫ ހީލީ ވިދާޅުވި އެވެ.
ބޭންކުން މިއަހަރު ތެރޭގައި ވަނީ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ދެމުން އަންނަ ލޯނުތަކަށް ބަދަލު ގެންނަމުންނެވެ.