ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުށީގައި އަޅަން ވައުދުވި އެއާޕޯޓްގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށާއި އެއާޕޯޓުގެ މައްސަލައިގައި ސަރުކާރުން ދަނީ އޮޅުވާލަމުން ކަމަށް ހދ. އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ފޭސްބުކް ސްޓޭޓަސްއެއްގަ އެވެ. އެ ސްޓޭޓަސް އާއި އެކު 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު 6 ވަނަ ދުވަހު ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލު މިނޫހަށް ދެއްވި އިންޓަވިއުގެ ހަބަރުވެސް ޝެއާކޮށްފައިވެ އެވެ.
ލަތީފްގެ ފޭސްބުކް ސްޓޭޓަސް–
ސްޓޭޓަސްގައި އަބުދުލް ލަތީފް ވިދާޅުވެފައިވަނީ އެއާޕޯޓްގެ އެއްވެސް މަސައްކަތެއް ކުރިރެވިފައިވާ ނަމަ އެކަމެއް ލިޔުމަކުން ހޯދުމަށް ކަމާ ބެހޭ މުވައްސަސާތަކަށް ސިޓީ ފޮނުވާފައިވާ ކަމަށާއި އެހެންނަމަވެސް މިހާތަނަށް އެކަމުގެ އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތަށް ސަރުކާރުގެ އަމާޒެއް ނެތްކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ވެރިކަމުގެ ފުރަތަަމަ ދެ އަހަރު ތެރޭގައި ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީނުގެ ރިޔާސީ ވަޢުދެކެވެ. ނަމަވެސް މިއަދާ ހަމައަށް ކުޅުދުއްފުށީ އެއާޕޯޓްގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވާކަން ފާހަގަކުރެވެ އެވެ