-ނާޝިދު ސަމީރު-
ހދ ނޮޅިވަރަމްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 3 މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮއްފި އެވެ.
މި އޮޕަރޭޝަން ހިންގާފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 29 ވަނަދުވަހުއެވެ. މި މައްސަލައައި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 18 އާއި 24 އަދި 28 އަހަރުގެ ތިން ފިރިހެނުންނެވެ. މި މީހުންގެ ތެރެއިން 18 އަހަރާއި 28 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހ.ދ ނޮޅިވަރަމް ސައުތު ރެސްތޯރަންޓް ކައިރިންނެވެ. އަދި 24 އަހަރުގެ މީހާ ގެނެސްފައި ވަނީ އަނެއް ދުވަހު އޭނާ ދިރިއުޅޭ ގެއިންނެވެ.
މި މީހުންގެ ތެރެއިން އެކެއްގެ އަތުން މަސްތުވާތަެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 4 ސެލޯފިންކޮޅުބަލާ ފަސްކުރުމުގެތެރޭގައި ފެނިފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 3 މީހުންނާއި ގުޅުންހުރި 4 ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާއިރު 24 އަހަރުގެ މީހާ އުޅެމުންދާ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާއިރު 28 އަހަރުގެ މީހާ އުޅެމުންދާ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްެޗެއްހުރި ރަބަރު ޕެކެޓަކާއި ފައިސާތަކެއްވެސް ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 28 އަހަރުގެ މީހާއަކީ ގުރޫޕު މާރާމާރީ ހިންގުމުގެ ރިކޯޑްސް އޮންނަމީހެކެވެ. އަދި 18 އަހަރުގެ މީހަކީ ވައްކަމުގެ ރިކޯޑްސް އޮންނަ މީހެކެވެ.
މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހދ. ކުޅުއްދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ. މިމީހުންގެ ތެރެއިން 18 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާއަށްވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި 24 އަހަރުގެ މީހާއަށް 12 ދުވަހުގެ މުއްދަތެއް ދެވިފައިވެއެވެ.