ބޭންކް އޮފް މޯލްޑިވްސް އިން ސްކޫލް އަދި ކޮލެޖްތަކުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންނަށް އަމާޒުކޮށްގެން ލޯނެއް ތައާރަފްކޮށްފި އެވެ.
ދަރުބާރު ގޭގައި އޮތް ރަސްމިއްޔާތެއްގައި މި ސްކީމް ތައާރަފް ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
ބީއެމްއެލް ޓީޗަރސް ލޯނުގެ ނަމުގައި ބީއެމްއެލުން ދޫކުރަން ހަމަޖައްސާފައިވަނީ 50،000 އާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ ލޯނެވެ. ފަނަރަ ޕަސެންޓްގެ އިންޓަރެސްޓާއެކު ދޫކުރާ މި ލޯނު ނަގާއިރު ގެރެންޓީއެއް ބަހައްޓާކަށް ނުޖެހެ އެވެ. މި ލޯނު ދައްކަން ޖެހެނީ ފަސް އަހަރުގެ ތެރޭގަ އެވެ.
ބީއެމްއެލުން ބުނި ގޮތުގައި އެހެން ލޯނެއް އޮތް ކަމުގައި ވިޔަސް މި ލޯނު ނެގިދާނެ ކަމަށާއި އަދި ފުރިހަމަ ލިޔެކިޔުންތަކާއެކު ހުށަހެޅުމުން ފަސް ދުވަހުގެ ތެރޭގައި ލޯނު ހަމަޖެހޭނެ ކަމަށް ވެސް އެފަރާތުން ބުންޏެވެ.
މި ލޯނު ތައާރފް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢައިޝަތު ޝިހާމް ވަނީ މި ލޯނަކީ ޓީޗަރުން ކުރަމުން ގެންދާ މިންނެތް މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ކުރެވުނު މުހިންމުކަމެއްގެ ގޮތުގައި ބަލައިގަނެ ބީއެމްއެލް އިން މިފަދަ ލޯނެއް ޓީޗަރުންނަށް އަމާޒުކޮށްގެން ތައާރަފްކޮށްފައިވާތި އެކަމަށްޓަކައި ބޭންކަށް ޝުކުރު އަދާކޮށްފައެވެ.
“ޓީޗަރުންނަކީ މުޖުތަމައަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރަމުންދާ ބައެއް. އަދި މީގެ އިތުރުން ގައުމުގެ މުސްތަގްބަލްގެ ޖީލުތައް ހެޔޮ ގޮތުގައި ބައްޓަންކުރުމަށްޓަކައި ޓީޗަރުން ވަރަށް މުހިންމު ރޯލެއް އަދާކުރޭ. މި ފަދަ މުހިންމު ގައުމީ ހިދުމަތެއް އަދާކުރަމުންދާ ބަޔަކަށް އަމާޒުކުރެވިގެން ލޯނެއް ތަޢާރަފްކުރެވިގެން ދިޔުމަކީ ދިވެހިގައުމީ ބޭންކަށްވެސް ލިބޭ ފަހްރެއް”. މި ލޯނު ތައާރަފްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވެފައިވެއެވެ.
ބޭންކުގެ ކޮންމެ ބްރާންޗަކުންވެސް މިލޯނަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.