ފުއްޕާމެއަށް ޖެހޭ ކެންސަރަށް ފަރުވާ ކުރެވޭ ވެކްސިންް އެމެރިކާގައި ބޭނުން ކުރަން ފަށައިފިއެވެ.
“ސިމަވެކްސް” ނަމަކަށް ކިޔާ މިވެކްސިން ފުރަތަމަ އުފައްދާފައިވަނީ 2011 ވަނަ އަހަރު ދެކުނު އެމެރިކާގެ ކިއުބާގައެވެ. އަދި މިހާރު މި ވެކްސިން ވަނީ ދުނިޔޭގެ އެހެންގައުމު ތަކުގެ ސަމާލުކަމަށް އައިސްފައެވެ.
އެގޮތުން ކިއުބާގެ ‘ސެންޓަރ އޮފް މޮލެކިއުލަރ އިމިއުނޮލޮޖީ’ އިން ވަނީ ޔޫއެސް އޭ ގެ ‘ރޯސްވެލް ޕާކް ކެންސަރ އިންސްޓިޓިއުޓް’އާ މި ވެކްސިން އެގައުމުގައި ބޭނުން ކުރުމަށް އެއްބަސް ވުމެއްގައި ސޮއިކޮށްފަ އެެވެ.
“އާންމުކޮށް ކެންސަރަށް ފަރުވާކުރެވޭ ވެކްސިން އަކީ ވަރަށް އަގު ބޮޑު ވެކްސިން ތަކެކެވެ. ނަމަވެސް ފުއްޕާމޭއަށް ޖެހޭ ކެންސަރަށް ފަރުވާ ކުރެވޭ ސިމަވެކްސް އަކީ ވަރަށް އަގު ހެޔޮ ވެކްސިނެއް ކަމަށާއި މިފަދަ ވެކްސިނެއް ތައާރަފު ކުރުން މިއީ ވަރަށް އުފާވެރި ކަމެއް ކަމަށް ރޯސްވެލް ޕާރކްގެ ސީއީއޯ ކެންޑޭސް ޖޮންސަން ބުނެފައިވެއެވެ.
ސިމަވެކްސިންގެ ސަބަބުން ޓިއުމަރ އިތުރަށް ބޮޑުވެ ހަށިގަނޑު ތެރޭގަައި ފެތުރުމުން ހުއްޓުވައިދެއެވެ. އަދި މި ވެކްސިންވަނީ މި ބަލީގެ ޝިކާރަކަށް ވެފައިވާ ގިނަ ބަޔަކަށް ދެވިފައެވެ.
ރޯސްވެލް ޕާރކްގެ އިމިއުނޮލޮޖިސްޓެއް ކަމަށްވާ ކެލްވިން ލީ ބުނެފައިވަނީ ސައިންސްވެރިން ދަނީ މި ވެކްސިންގެ އެހީގައި އެހެން ކަހަލަ ކެންސަރުތަކަށް ފަރުވާ ކުރެވޭނެ ކަމަށް ބެލެވޭތީ ދިރާސާ ކުރަމުންނެވެ. އަދި އެހެން ވެއްޖެނަމަ މި ވެކްސިން ސަބަބުން އުރަމަތި ، ކޮލޮން އަދިި ޕެންކްރިއޭޓިކް ކެންސަރު ބަލީގެ ފަރުވާ އަކަށްވެސް ވެގެން ދާނެއެވެ.