ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދު، 2018 ވަނަ އަހަރުގެ ކުރިން ފުއްދަވައި ދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” ދެއްވި ހާއްސަ ބަސްތީގަތުމެއްގައި މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ރައީސް އަބްދު ﷲ ޔާމީން ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދު ވެވަޑައިގަތްގޮތަށް ކުޅުދުއްފުށީގައި އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވި އެއާޕޯޓް 2018 ކުރިން އަޅުއްވައި ދެއްވާ އެވައުދު ފުއްދަވާދެއްވާނެ ކަމަށެވެ.
“އަޅުގަނޑު ޔަގީންކޮށް އަރުވަން ދިވެހި ސަރުކާރުން ރައީސްގެ ވައުދުފުޅު، 2018 ކުރިން ކުޅުދުއްފުށީ އެއާޕޯޓްގެ ވައުދުފުޅު ފުއްދަވައިދެއްވާނެ.” އެކޮނޮމިކް ކައުންސިލުގެ ކޯ ޗެއާމަންކަން ވެސް ކުރައްވައި މުހައްމަދު ސައީދު ވިދާޅުވި އެވެ.
ހދ. ބީޑީއެސްސީ ހުޅުވުމުގެ ރަސްމިއްޔާތުގެ ހަވާސާގައި މިނޫހާ ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރައީސް ޔާމީން ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދީ ހާލަތުވަނީ ވަރަށް ދަށުދަރަޖައެއްގައި ކަމަށާއި މިދިޔަ އަށާރަ ވަރަކަށް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ވަރަށް ގިނަ މުހިއްމު މަސައްކަތްތަކެއް އިގްތިސާދު ހަމައަކަށް އެޅުވުމަށް ކޮށްފައިވާނޭ ކަމަށެވެ.
“އެގޮތުން ދިވެހިރާއްޖޭގައި އޮތް ޑޮލަރުގެ ބާޒާރުގައި ހުރި ދަތިތައް ފިލުވާ. ރާއްޖޭގައި ނުހެދި ހުރި ރިސޯޓްތައް ހަދާ އޮޕަރޭޝަނަށް ގެނެސް އެރިޒޯޓްތަކުން ވަޒީފާ އުފެއްދުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް ރައީސް އަޅުއްވާދެއްވި. އަދި ރިސޯޓް ޕްރޮޖެކްޓްތައް ނިންމުމަށް ގެންނަ މުދާ ޑިއުޓީ ފްރީކޮށްދެއްވާފަ ރައީސް އެއޮތީ.” މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ ހަތަރު އިންސައްތައިން ދަށުން ލޯނު ހޯދައި ފަރާތްތަކަށް ސްވޮރިން ގެރެންޓީ ދެއްވުމަށް ސަރުކާރުން ނިންމާ އެކަން ރައީސް އިއުލާން ކުރައްވާފައިވާ ކަމަށެވެ. އަދި 16 ރިސޯޓެއްގެ ޕްރޮޖެކްޓްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި އޭގެ އިތުރުން މާލޭ އިންޓަރނޭޝަނަލް އެއާޕޯޓްގެ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުމެއް ލިބިފައިވާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.