ކުޅުދުއްފުށީގައި ކުރިއަށްދާ މަޝްރޫއުތަކާ ކުރެވޭ މުހިއްމު މަސައްކަތްތައް ސަރުކާރުން ގާތުން ބަލަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހދ. ބީޑީއެސްސީ ހުޅުވުމަށްފަހު “ކުޅުދުއްފުށި އޮންލައިނަށް” ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުގަ އެވެ. މިނިސްޓަރ ސައީދު ވިދާޅުވީ ކުޅުދުއްފުށީގައި ކުރެވޭ މުހިއްމު މަސައްކަތް ވަރަށް ގާތުން ސަރުކާރުން ބަލަމުންދާ ކަމަށާއި އަދި ކުޅުދުއްފުށީގެ ހިއްކިބިން ގިރައިގެން ދިއުން ހުއްޓުވުމާބެހޭ ކަންތައްތަކާމެދު ވެސް ކައުންސިލްތަކާ މަޝްވަރާ ކުރެވުނު ކަމަށެވެ.
މިނިސްޓަރ ބުރާސްފަތި ދުވަހު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ކުޅުދުއްފުށީ ކައުންސިލާއި ހދ. އަތޮޅު ކައުންސިލާ ބައްދަލުކޮށް ކުރަންފެށުމަށްފަހު ހުއްޓިފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ.
އެކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ ކުޅުދުއްފުއްޓަކީ މިސަރަހައްދުގެ ވިޔަފާރީގެ ނާރެސް ކަމުގައި ސަރުކާރުން ދެކޭ ކަމަށެވެ. އަދި މިސަރަހައްދުގައި ކުދި ވިޔަފާރިތައް ތަރައްގީކުރުމަށް ސަރުކާރުން ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރާކަމަށެވެ.
ބުރާސްފަތި މިނިސްޓަރ ސައީދު ވަނީ ކުޅުދުއްފުށީގައި އަޅާ ވަގުތީ މަސްމާރުކޭޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ. އަދި ވެލިގަނޑު (ހިއްކިބިން) ގިރާ ސަރަހައްދު ވެސް މިނިސްޓަރ ވަނީ ބައްލަވާލަވާފަ އެވެ.