ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ހދ އަތޮޅު ކައުންސިލާއި ގުޅިގެން މި މެއި މަހު 26 ން 31 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ރެފްރީން ތަމްރީން ކުރުމުގެ ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
ކުރީގެ ގައުމީ އިދާރާގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބްދުﷲ އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ މިފަދަ ފުރުސަތުތަކަކީ އަތޮޅުތެރެއަށް ވަރަށް މަދުން ލިބޭ ފުރުސަތުތަކެއް ކަމަށާއި ފުޓްބޯޅަ މުބާރާތްތައް ކުރިއަށް ގެންދާއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަަލައަކީ ރަނގަޅު ރެޕްރީން ނުލިބުން ކަމަށެވެ.
ކޯސް ނިންމި ބައިވެރިން–
ރެފްރީން ވާންވާނީ އެންމެން އިހްތިރާމް ކުރާ ފަރާތަކަށް ކަމަށާއި އެފަދަ ފަރާތަކަށް ވެވޭނީ ވަކިފަރާތަކަށް ނުޖެހި މަސައްކަތް ކޮށްގެން ކަމަށްވެސް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.
އަތޮޅުކައުންސިލްގެ މެންބަރު ހުސެއިން ސަގީފް ވިދާޅުވީ މި ޕްރޮގްރާމްގެ މަގްސަދަކީ އަތޮޅަށް ދިމާވެފައިވާ ރެފްރީންގެ ދަތިކަން ފިލުުން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މީގެ އިތުރު ޕްރޮގްރާމްތައް ރޭވިފައިވާ ކަމަށެވެ.
ބައިވެރިން ދަރިވަރުންގެ ފަރާތުން ވާހަކަ ދައްކަވަމުން ކޯހުގެ ބައިވެރިއެއް ކަމަށްވާ އިބްރާހިމް ހަލީލް ވިދާޅުވީ ދަރިވަރުންގެ އުންމީދަކީ އަތޮޅުތަކަށް އަމާޒުކޮށްގެން ބޭސިކް ކޯސްތަކުގެ އިތުރުން މީގެ އެކި ލެވެލްގެ ކޯސްތައް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މި ކޯސް ފުރިހަމަ ކުރުމަށްޓަަކައި އެފްއޭއެމްއިންނާއި އަތޮޅު ކައުންސިލުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ވަނީ ދަރިވަރުންގެ ފަރާތުން ޝުކުރު ދަންނަވާފަ އެވެ.
މި ކޯހުގައި ޖުމަލް 28 ދަރިވަރުން ބައިވެރިވެފައިވާއިރު ކޯސް ނިންމާ ސެޓްފިކެޓް ހާސިލް ކޮށްފައިވަނީ 24 ދަރިވަރުންނެވެ.