ށ. ފީވަކުގައި އާލާވެފައިވާ، މޭވާއަށް ގެއްލުންދޭ ފްރުޓް ފްލައި އެރަށުގައި ގިނަ އަދަދަކަށް އުޅޭކަން ފާހަގަވެފައިވާކަމަށާއި އެބާވަތުގެ މެހީގެ ނުރައްކާ އެރަށުގެ ދަނޑުވެރިކަމަށް އޮތް މިންވަރު ޔަޤީން ކުރެވޭނީ މިހާރު ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓރީން ކުރިއަށްގެންދާ ޕްރޮގްރާމްގެ ނަތީޖާތައް ލިބެމުން އަންނަ ވަރަކުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ފީވަކުގައި އާލާވެފައި ވާ ފްރުޓް ފްލައި ނައްތާލުމުގައި މިނިސްޓްރީގެ ފަރާތުން ހަރަކާތްތެރިވާ އިސް އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، މިނިސްޓްރީގެ ފަރާތުން އެރަށުގައި ހަރުކޮށްފައވާ ޓްރެޕް ތަކަށް މެހި ވަދެ، މަރުވަމުންދާ އަދަދު ރިކޯޑު ކޮށް ބަލަމުން ދާކަމަށެވެ. އެގޮތުން ތިން ދުވަސް ތެރޭ އެއް ހާހަށްވުރެ ގިނަ މެހި މަރުވެފައިވާކަން ފާހަގަ ކުރެވޭކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުރުޓު ފްލައި ނުވަތަ ފީވަކުގެ ދަނޑުވެރިންގެ ނަމުން ނަމަ “ފަނި” ކޮންޓްރޯލް ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ޓީމް ނިމިދިޔަ ހަފްތާގެ ތެރޭ ފީވަކަށް ދިޔައިރު އެރަށުގެ ރައްޔިތުންގެ ޝުޢޫރުތަށް ހުރީ ވަރަށްވެސް ނުތަނަވަސް ކޮށެވެ.
އެރަށުގެ ދަނދުވެރިކަމުގެ މައިގަނޑު ބާވަތް ކަމަށް ވާ އަނބު އެއްވެސް ރަށަކުން ބަލައި ނުގަތުމުގެ ސަބަބު މިލިއަނުން ގުނާލެވޭ ފަދަ އަދަދަކަށް މާލީ ގެއްލުން ވެފައި ވާކަމަށް އެރަށުގެ ދަނޑުވެރިން ބުނަމުން ގެންދިޔައެވެ.
ފީވަކު ކަނުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން ވިދާޅުވީ ފީވަކުން އެބާވަތުގެ ފްރުޓް ފްލައި ފެންނަމުން ދާތާ އެތައް މަހެއް ވެފައި ވާކަމަށެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސްގެން މީޑިޔާ ތަކުގައި އެހަބަރު ތައް ފެތުރުނު ގޮތުގެ ސަބަބުން ރަށަށް އަގު ނުކުރެވޭފަދަ ގެއްލުން ތަށް ވެފައި ވާކަމަށް ރަޝީދު ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ މަސައްކަތުން ކުރު މުއްދަތެއްގެ ތެރޭގައި، ފީވަކުން އެފެނުނު ސޫފީގެ ބާވަތް ދެނެގަނެ އެ ކޮންޓްރޯލް ކުރާނެ ވަސީލަތް ހިފައިގެން އެރަށް ވަނީ ޒިޔާރަތް ކޮށްފައެވެ.
މިނިސްޓްރީގެ ފަރާތުން އެރަށަށް ގެންދިޔަ، ފްރުޓް ފްލައިގެ ފިރިހެން މެހި ނައްތާލާ ޓްރެޕް ގަހުގައި ހަރުކުރި ވަގުތުން ފެށިގެން ފަސް ވަރަކަށް މިނިޓް ނުވަނީސް އެއަށް އެބާވަތުގެ މެހި ވަދެ މަރުވަމުން ދާތަން ފެނުމުން ރަށުގެ ދަނޑުވެރިންގެ މެދުގައި އެމަސައްކަތް ކުރަން ހިތްވަރު ލިބި ފޯރި އިތުރުވެގެން ދިޔަ ތަން ފެނިގެން ދިޔައެވެ. އަދި މިހާރު ފީވަކުގެ ދަނޑުވެރިންގެ ޝުޢޫރުތަށް ހުރީ ނުހަނު އުންމީދީ ގޮތަކަށެވެ. އެގޮތުން އެ ދަނޑުވެރިންގެ އުންމީދަކީ މި ފެށިގެން ދިޔަ މަސައްކަތުގެ އެހީގައި ރާއްޖެއިން ފުރަތަމަ ފުރުޓް ފްލައި ނައްތާލެވޭ ރަށަކަށް ފީވަށް ހަދައި، ދިވެހި ތާރީހުގެތެރޭ ފީވަކުގެ ނަން އަނެއްކާވެސް ލިޔެވިގެން ދިޔުމެވެ.
މި ފަދަ ކަންކަމުގައި މިނިސްޓްރީން އިލްތިމާސް ކުރަމުން ގެންދަނީ، އެފަދަ ކަމެއް އެހެން ރަށަކުންވެސް ފާހަގަ ކުރެވިއްޖެ ނަމަ ވީހާވެސް އަވަހަށް ކައުންސިލްތައް މެދުވެރިކޮށް އެކަން އެ މިނިސްޓްރީއަށް އެންގުމަށެވެ. ސަބަބަކީ މިފަދަ ސުއިއްޕަކީ އޭގެ އާބާދީ އިތުރުވުމުގެ ކުރިން ނައްތާލައި ދަނޑުތަކަށް އެއިން ލިބޭ ގެއްލުން ކުޑަކުރެވޭނެ ތަކެއްޗަށް ވާތީއެވެ.
މި ބާވަތުގެ މެއްސަކީ އެއިން އެއްވެސް އިންސާނަކަށް ގެއްލުމެއް ހުރި ސުއިއްޕަކަށް ނުވި ނަމަވެސް އަނބުފަދަ ފޮނި މޭވާތަށް ހަލާކު ކޮށްލާ ސުއިއްޕެކެވެ. އެގޮތުން މިބާވަތުގެ އަންހެން މެހި މޭވާގައި ޖެއްސުމަށް ފަހު މޭވާގެ ތޮށިގަނޑުގެ ތެރެއަށް ބިސްއަޅައެވެ. އަދި ބިސްތަށް ފަންޏަށް ބަދަލުވުމަށްފަހު އެފަނިތަކުގެ ކާނާގެ ގޮތުގައި މޭވާ ކައި ހަލާކޮ ކޮށްލައެވެ. އެގޮތުން ގަހުގައި އަޅާ މޭވާގެ ނުވަދިހަ އިންސައްތަ އާއި ހަމައަށް މެހީގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ވަނީ ފާހަގަ ކުރެވިފަ އެވެ.