twitterviber whatsapp telegramfacebookyoutube instagram
29th March 2024

މިނިވަން 50 ފާހަގަކުރުމަށް ބާއްވާ “ފުނަ ޝޯ” ކުޅުދުއްފުށީގައި ބާއްވަނީ

Jun 3, 2015

މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށް ގެންދާ ސަގާފީ ކުޅިވަރުތައް ފެނިގެންދާ “ފުނަ ޝޯ” ހދ އަތޮޅުން ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލްގެ މެންބަރު ހުސައިން ޝަގީފް ވިދާޅުވީ މިހާތަނަށް މިޝޯ ގައި ގާތްގަނޑަކަށް 6 ރަށެއްގެ 20 ގްރޫޕުން އައިޓަމްތައް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝަގީފް ވިދާޅުވީ ހދ އަތޮޅުން މި މުބާރާތުގައި ބައިވެރިވެފައިވަނީ ނޭކުރަންދޫ، ކުމުންދޫ، ހަނިމާދޫ، ކުރިނބީ، މަކުނުދޫ އަދި ކުޅުދުއްފުށިން ކަމަށެވެ.

އޭގެ އިތުރުން މިޝޯގެ ބަޖެޓް ހަމަޖެއްސުމަށްޓަކައި މިހާތަނަށް ހުށަހަޅާފައިވާ އައިޓަމްތަކުގެ ތަފްސީލް “މިނިވަން 50” އޮފީހަށް ހުށަހަޅާފައިވާނެ ކަމަށާއި އެގޮތުން މިހާތަނަށް 25 އައިޓަމް މިޝޯގައި ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް ޝަގީފް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން މައުލޫމާތު ދެއްވަމުން ކައުންސިލް މެންބަރު އިބްރާހިމް އައްބާސް ވިދާޅުވީ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހު 13 ވަނަ ދުވަހު ކަމަށާއި މިހާތަނަށް ހަމައެކަނި ކުޅުދުއްފުށިން 15 އައިޓަމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އައްބާސް ވިދާޅުވީ މި ޝޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަމީރް އަމީން ސްކޫލާ ދިމާ ވެލިގަނޑުގައި ކަމަށެވެ.

މިޝޯ ޖޫން 13 ވަނަ ދުވަހުގެ ހަވީރު އަދި ރޭގަނޑުވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ހަރަކާތައް ނިންމާލުމަށް ފަހު ކޮންމެ އަތޮޅަކުން ހޮވާލެވޭ ދެ ހަރަކާތަކާއި ބައެއް ކަހަލަ ހުނަރު ދައްކާލުމަށް މާލެ ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355