ކައުންސިލްތަކަށް އަމާޒުކޮށްގެން އެެލްޖީއޭއިން ހިންގާ ލޯކަލް ކައުންސިލް ފަންޑް މެނޭޖްމަންޓް ޓްރޭނިން ޕްރޮގްރާމް ށ. ފުނަދޫގައި މިއަދު ފަށައިފި އެވެ.
މި ރަސްމިއްޔާތު ފައްޓަވައިދެއްވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ މި ޕްރޮގްރާމުގެ އެއް ބޭނުމަކީ ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ފަންޑުތައް މެނޭޖްކުރުމަށާއި ފަންޑު ދިރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށްދިނުން ކަމަށެވެ.
އަދި އަނެއް ބޭނުމަކީ ކައުންސިލްތަކުން މިހާރު ފަންޑު މެނޭޖްކުރަމުންދާ ގޮތުގެ މައުލޫމާތު އެއްބަޔަކު އަނެއްބަޔަކަށް ހިއްސާކުރުން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
މި ގޮތުން ބިޒްނަސް ސެންޓަރެއްގެ މައުލޫމާތާއި ވިޔަފާރި ރަޖިސްޓަރީ ކުރުމާއި ރާއްޖޭގައި ކޯޕަރޭޓިވް ސޮސައިޓީ އޮޕްރޭޓްކޮށް ހިންގާނެ ގޮތުގެ މައުލޫމާތާއި ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ދިނުން އޮންނާނެ ކަމަށް އެލްޖީއެއިން ބުނެ އެވެ.
ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ފިޝަރީޒް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ބައިވެރިވެ ކައުންސިލްތަކަށް މައުލޫމާތު ދެއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކާއި ސިޓީ ކައުންސިލްތަކަކުން މިޕްރޮގުރާމްގައި ބައިވެރިވާ ކަމަށް އެލްޖީއޭއިން ބުނެ އެވެ.
މި ޕްރޮގްރާމް ށ. އަތޮޅުގައި ބާއްވަން ނިންމީ އެ އަތޮޅު ކައުންސިލަކީ ފަންޑު މެނޭޖްކުރުމުގައި ރާއްޖޭގައި އެންމެ ފާހަގަ ކުރެވޭ ކުރިއެރުންތައް ހޯދާފައިވާ އަތޮޅަށްވުމުން ކަމަށް އެލްޖީއޭއިން ބުނެ އެވެ.