twitterviber whatsapp telegramfacebookyoutube instagram
16th April 2024

“މާލޭގައި ކަރަންޓަށް ނަގާ އަގު އަތޮޅުތަކުން ވެސް ނަގަން ޖެހޭނީ”

Jun 9, 2015

މާލެ އާއި އަތޮޅުތަކުގެ ކަރަންޓަށް ނަގާ އަގު ހަމަހަމަ ކުރަންޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުލް ޢަފޫރު މުސާ ވިދާޅުވެއްޖެ އެވެ.

ޢަފޫރު މިހެން ވިދާޅުވީ ރަމަޟާންމަހުގެ އިނާޔަތް ބޮޑު ކުރުމަށް ވަޒީފާއާ ބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ބަހުސް މަރުހަލާގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުންނެވެ.

ޢަފޫރު ވިދާޅުވީ މިއަދު ކުޅުދުއްފުށީގައި ވިޔަފާރިކުރާ ތަންތަނުން ޔުނިޓަކަށް 7 ރުފިޔާ ނަގާއިރު މާލޭގައި ނަގަނީ 3 ރުފިޔާ ކަަމަށެވެ. ބިލަށް ތާއިދު ކުރަވަމުން އޭނާ ވިދާޅުވީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ކަންތައްތަކުގައި އެންމެންނަށް އަސާސީ ހިދުމަތްތައް ހަމަހަމަވާންޖެހޭ ކަމަށެވެ. ރޯދަމަހަށް އިނާޔަތަށް ކުޑަ ތަންކޮޅެއް އިތުރުކުރާއިރު ސަރުކާރުކާރުގެ އިހްލާސްތެރިކަމެއް ހުރިއްޔާ ރާއްޖޭގެ ހުރިހާ ސަހަރަހައްދެގައި ކަރަންޓް ހަމަހަމަކުރަންޖެހޭ ކަމަށް ޢަފޫރު ވިދާޅުވި އެވެ.

” ފިހާރައިގެ ވެރިފަރާތަކުން ނޫނޭ ކަރަންޓު ބިލު ދައްކަނީކީ އިއްޒަތްތެރި ރައީސް. ނިކަމެތި ރައްޔިތުންގެ ފައިސާ އެ ދައްކަނީ. އެހެންވެއްޖެއްޔާ ކަރަންޓު ވެސް އެބަ ޖެހޭ ރާއްޖޭގެ ހުރިހާ ތަނަކަށް ހަމަހަމަވާންޖެހޭ އިނގޭތޯ. ބޮޑު އަގު ނަގަންޏާ މާލެއިން ވެސް ނެގޭ އަގު، ކުޅުދުއްފުށީން ވެސް، އައްޑޫން ވެސް، ތިނަދޫން ވެސް، ފުވައްމުލަކުން ވެސް ނެގެންޖެހޭނީ އިއްޒަތްތެރި ރައީސް. މިއީ ހަމަހަމަކަމަކީ. ސިއްހީ ހިދުމަތާއި ކަރަންޓާއި ފެނާއި ނަރުދަމާއަކީ ގާނޫނުގައި ބުނާ ގޮތުގެ މަތީން ހަމަހަމަކަމާ އެއްކޮށް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަންތައްތައް. އެހެންވީމާ، ކުރިއަށް ކުރަންޖެހޭ ކަމެއް ނުކޮށް ފަހުން އެހެން އެކަން ދޫކޮށްލާފައި ދެން އެހެން ކަމެއް ކޮށްލާފައި ރައްޔިތުންނަށް އިހްލާސްތެރިވިއްޔޭ ބުންޏަސް އެކަމެއް ގަބޫލެއް ނުކުރެވޭ އިއްޒަތްތެރި ރައީސް. ފިހާރަތަކުން ނަގާ ފައިސާއަކީ ރައްޔިތުންގެ އެންމެ ނިކަމެތި މީހާ ވެސް އެ ފައިސާ އެބަ ދައްކާ އިނގޭތޯ. މިއަދު ދިވެހި ކޮންމެ ރައްޔިތަކު ދިރިއުޅުމަށް ޓަކައި %36 ޓެކްސް ދައްކައިގެން މި ގައުމުގައި ދިރިއުޅެނީ އިނގޭތޯ ” ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޢަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ އިނާޔާތަކަށް ލުއިތަކެއް ލިބެންޖެހޭ ކަމަށާއި ރޯދަމަހަށްޓަކައި އިންސާފާއި ހަމަހަމަކަން ރައްޔިތުންނަށް ހޯދައިދިނުމަކީ ވެސް ޝަވާބު ލިބޭ ކަންތައްތައްކަމަށެވެ.

ރައްޔިތުންނާ ދޭތެރޭގައި ކަންތައްތައް ކުރެވޭ ގޮތްތަކަކީ އެންމެ ރަނގަޅު ގޮތްތޯ ބަލައި އެގޮތަކަށް އަމަލުކުރަން ދަސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

“ރޯދަމަހަށް ޓަކައި މިހާރު ތިން ހާސް ރުފިޔާއަށް ބޮޑުކުރީއޭ. އޭގެ ބަދަލުގައި އަދި މި އިނާޔަތް ނުލިބޭ އެހެން ފަރާތްތަކަށް ވެސް ހަމަ ކޮންމެވެސް އެއްޗެއް ލިބިގެން އަދި އެއާއެއްކޮށް އިތުރު އެހެން ކަންތައްތަކެއް ވެސް ކުރެވިގެން އަޅުގަނޑުމެން ތެރޭގައި ހަމަހަމަކަމާއި އެއްބައިވަންތަކަން އަންނަންޖެހޭނެ. އެއްބައިވަންތަކަމަކީ އަޅުގަނޑުމެން އަބަދުވެސް ލޯބިކުރާ އެއްބައިވަންތަކަމާ އެއްކޮށް އަޅުގަނޑުމެންނަށް އުޅެވެންޖެހޭނެ” ޢަފޫރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355