ހދ. އަތޮޅު ކައުންސިލްގެ ފަރާތުން މާލޭގެ މިނިސްޓްރީތަކާއެކު މަޝްވަރާ ކުރެއްވުމަށް ކުރެއްވި ދަތުރަކީ ކާމިޔާބު ދަތުރެއްނޫން ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
ހދ. އަތޮޅު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ އަބުދުލް މުހައިމިނު “ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ވިދާޅުވީ އަތޮޅު ކައުންސިލްގެ އަމާޒަކަށްވީ ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކުގައި މިނިސްޓަރުންނާ ބައްދަލުކޮށް ހައްލެއް ހޯދުން ކަމަށެވެ. އޭނާ ވިދާޅުވީ ޖުމްލަކޮށް ނިންމާފައިވަނީ ހދ. އަތޮޅުގައި ކުރަންފަށާ ހުއްޓިފައި ހުރި މަޝްރޫއުތަކާ ބެހޭ މަޝްވަރާ ކުރުން ކަމަށެވެ. އެގޮތުން އެއަތޮޅުގައި ރިސޯޓެއް ނެތް މައްސަލައާއި ގެވަޅުގެ މައްސަލަތަކާއި ރޯހައުސްްގެ ކަންތައްތަކާއި މަގު ހެދުމުގެ ކަންތައްތަކާއި ބަނދަރުތަކުގެ މައްސަލަތައްކަން މުހައިމިނު ފާހަގަކުރެއްވި އެވެ.
ކައުންސިލްގައި ވައިކަރަދޫ ދާއިރާ ތަމްސީލް ކުރައްވާ ކައުންސިލަރ މުހައިމިނު ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި މުހިއްމު މިނިސްޓްރީތަކާ ބައްދަލު ކުރެވިފައި ނުވާ ކަމަށެވެ. ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބާއި ހައުސިން މިނިސްޓަރ މުއިއްޒުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވެސް ބައްދަލުކުރުމަށް ފުރުސަތު ދެއްވާފައިނުވާ ކަމަށް މުހައިމިނު ވިދާޅުވި އެވެ.
މުހައިމިނު ވިދާޅުވީ ރައީސަށާއި މިނިސްޓްރީތަކަށް އެބޭފުޅުން މާލެ ދިއުމުގެ ކުރިން އެޕޮއިންޓްމެންޓަށް އެދުނުކަމަށެވެ. އެހެންނަމަވެސް ދިހަ ދުވަހު މާލޭގައި ހުރިއިރު މުހިއްމު މިނިސްޓްރީތަކާ ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލު ކުރުމުގެ ފުރުސަތު ނުދިނުމުން ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެއަށް ހދ އަތޮޅު ކައުންސިލުން ކުރި ދަތުރުގައި ހެލްތް މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމެއްގައި ކައުންސިލްގެ ރައީސް އަދި މީޑިއާ ކޯޑިނޭޓަރ މުހައިމިނު —
ކުޅުދުއްފުށީ އެއާޕޯޓްގެ ގޮސްފައިވާ ހިސާބެއް ބެލުމަށް އިކޮނޮމިކް މިނިސްޓަރ ސައިދާ ބައްދަލުކުރައްވަން އެދުމުން އެފުރުސަތު ވެސް ނުލިބުނު ކަމަށް މުހައިމިނު ވިދާޅުވި އެވެ.
މުހައިމިނު ވިދާޅުވީ އެހެންނަމަވެސް ހެލްތް މިނިސްޓަރާ އެޑިއުކޭޝަން މިނިސްޓަރާއި އެންވަރމެންޓް މިނިސްޓަރާއި ބައްދަލުކުރެވުނު ކަމަށެވެ. އެގޮތުން އެޑިކޭޝަން މިނިސްޓަރ ޝިހާމާ ބައްދަލުކޮށް އަތޮޅުގެ ސްކޫލްތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމާ ބެހޭ ގޮތުން މަޝްވާރާ ކުރެއްވި އެވެ. އަދި ހެލްތް މިނިސްޓަރ އިރުތިޝާމާ ބައްދަލުކޮށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ރަގަޅުކުރުމާ ބޭހޭ ވާހަކަތައް ދެއްކިއިރު އެންވަރމެންޓް މިނިސްޓަރ ތޯރިޤާ ބައްދަލުކޮށް ރަށް ގިރުމާއި ތިމާވެށިގެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
މުހައިމިނު ވިދާޅުވީ ކައުންސިލުތަކަކީ މުނިސިޕަލް ހިދުމަތްދޭ ތަންތަނަށްވާއިރު އެކަންކަމާ ގުޅޭ މުވައްސަސާތައް ނުވަތަ މިނިސްޓްރީތަކާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ނުލިބުމަކީ ކާމިޔާބު ދަތުރަކަށް ނުވުން ކަމަށެވެ.