ށ.މިލަންދޫ ސްކޫލުގައި ހަތަރުބުރީގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް އެސްޖޭ ކޮންސްޓަރަކްޝަން ޓްރޭޑް ޕްރައިވެޓް ލިމެޓެޑާއި ހަވާލުކޮށްފިއެވެ.
މިލަންދޫ ސްކޫލްގެ އާ އިިމާރަތް އެޅުމުގެ މަޝްރޫއު އެސްޖޭ ކޮންސްޓަރަކްޝަން ޓްރޭޑް ޕްރައިވެޓް ލިމެޓެޑާއި ހަވާލުކުރެއްވީ މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ.
މިލަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވުމަށްޓަކައި އެޅުމަށް ހަމަޖެހިފައިވާ މި އިމާރާތަކީ 49.9 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ގާތްގަނޑަކަށް އެއް އަހަރު ދުވަސްތެރޭ ނިންމާ ގޮތަށް ހަމަޖެހިފައިވާ އިމާރާތެއް ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މި އިމާރާތްނިމި ބޭނުން ކުރެވެން ފެށުމުން އެސްކޫލަށް ދިމާވެފައިވާ ޖާގައި މައްސަލަ ހައްލުވެގެން ދާނެކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.
އެސްޖޭ ކުންފުނީގެ ޑިރެކްޓަރ ޝިހާދު ވިދާޅުވީ މި ޕްރޮޖެކްޓަކީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ޕްރޮޖެކްޓެއް ކަމަށާއި އިންޖީނިއަރިންގ އިން ފެށިގެންގޮސް ލޭބައާ ހަމައަށް ގެންގުޅޭނީ ދިވެހި މުއައްޒަފުން ކަމަށެވެ.