ފިނިކުރެވޭ ނިޒާމެއް ނެތި ރައްކާތެރި ނޫން ގޮތުގައި ބަންދުކޮށްގެން މާލެއިން ކުޅުދުއްފުއްޓަށް އެތެރެކުރާ ފިނިކުރި ބާވަތްތައް ބޭނުން ނުކުރުމަށް ކުޅުދުއްފުށީ ޕަބުލިކް ހެލްތުން އަންގައިފި އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ޕަބުލިކް ހެލްތުން ބުނީ މާލެއިން ކުޅުދުއްފުއްޓަށް އެތެރެކުރާ ފިނިކުރި ބާވަތްތައް ގެންނަނީ ރައްކާތެރިގޮތުގައި ބަންދުކޮށްގެން ނޫން ކަމަށާއި އެތަކެއްޗަކީ ސިއްހީ ގޮތުން ބޭނުންކުރަން ރައްކާތެރި އެެއްޗެހި ނޫން ކަމަށެވެ.
މިއަދު މާލެއިން ކުޅުދުއްފުއްޓަށް އައި ބޯޓަކުން ގެނެސްފައިވާ ފިނިކުރި އެއްގަމުމަހުގެ ބާވަތްތައް އޮޑިން ބޭލުމުގެ ކުރިން ޕަބުލިކް ހެލްތް ޔުނިޓްގެ އޮފިޝަލުންނާއި ކައުންސިލް މެމްބަރު ވަނީ އެބޯޓަށް ގޮސް އެއްޗެހި ޗެކްކޮށްފަ އެވެ.
އެގޮތުން ކުކުޅާއި ސޮސެޖާއި ގެރިމަހާ އަދި ބަޓަރާއި ޗީޒް ފަދަ ތަކެތި ބޭނުން ނުކުރުމަށް އެފަރާތުން އިލްތިމާސް ކުރެ އެވެ.
“އަޅުގަނޑުމެން މިއަދު ހިންގި އިންސްޕެކްޝަނެއްގައި މާލެއިން ކުޅުދުއްފުއްޓަށް އައި ބޯޓަކުން ގެނައި ފިނިކުރި އެއްގަމު ބާވަތްތަކެއް ބޯޓުން ބޭލުމުގެ ކުރިން ޗެކް ކުރިއިރު އެތަކެތި (ކުކުޅު، ގެރިމަސް، ސޮސެޖް) ވަނީ އެއްކޮށް ފިނި ކެނޑި މަޑުވެފަ. ފިނި އެއްކޮށް ކެނޑުމަށްފަހު އަލުން ފިނިކޮށްގެން އެތަކެތި ބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ރައްކާތެރިކަމެއް ނޫން.” އޮފިޝަލް ވިދާޅުވި އެވެ.
މި ރޯދަމަހު ފުރަތަމަ ފަހަރަށް މާލެއިން ކުޅުދުއްފުއްޓަށް ފިނިކޮށްގެން އެތެރެކުރި އެއްގަމުމަހުގެ ބާވަތްތައް ބޯޓަށް އެރުވި ފަހުން 18 ވަރަކަށް ގަޑިއިރުވެފައިވާއިރު އެތަކެތި ސިއްހީ ގޮތުން ކެއުމަށް އެކަށީގެންނުވާ ކަމަށް ހެލްތް އޮފިޝަލުން ވިދާޅުވި އެވެ.
އެގޮތުން މިދަތުރުގައި އެތަކެތި ވިއްކަން ގެނައި 13 ތަނެއް ޕަބުލިކް ހެލްތުން ވަނީ އާއްމުކޮށްފަ އެވެ.
އެއީ
• އެތުމާ ފިހާރަ
• ފުރޮންޓް ލައިން
• 100 ފިހާރަ
• ސަފާޔާ ފިހާރަ
• އަރާއިރު ފިހާރަ
• ވަފާ ފިހާރަ
• ފެޝަން ވޭ
• އައިމާޓް
• ކަސަބުގެ
• ފެހިދޫލަ
• ލަކްލައިން
• ބައިތު ފިހާރަ
• ތަހުނިޔާ ފިހާރަ
ޕަބްލިކް ހެލްތުން ބުނީ ފިނިކުރި ބާވަތްތަކުގެ ތަކެތި މާލެއިން ކުޅުދުއްފުއްޓަށް ގެންނައިރު އޮޑިވެރިޔާ އާއި ގެންނަ ފަރާތްވެސް ޒިންމާތަކެއްވާ ކަމަށެވެ.
އެގޮތުން އެތަކެތި ބޯޓަށް އަރުވާއިރު ރަގަޅަށް ބަންދުކޮށްގެން އެރުވުމަށް އެފަރާތުން އިލްތިމާސްކުރެ އެވެ. އަދި އޮޑިވެރިޔާ ވެސް އެފަދަ ތަކެތި އުފުލާއިރު އެތަކެތި އުލުލޭނެ އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖައްސާ ދިނުމަށް އެދޭ ކަމަށެވެ.