މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ކުޅުދުއްފުއްޓަށް އެތެރެކުރި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީ ވައްކަމުގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މާލެއާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރު ކުރާ ބޯޓަކުން ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރު ކޮށްފައިވަނީ އެ ބޯޓް ކުޅުދުއްފުއްޓަށް ބަނދަރުކުރި ވަގުތު ބަނދަރު މަތިންނެވެ.
ހުސްވި ހަފުތާގެ ބުދަ ދުވަހުގެ ހަވީރު ފުލުހުން ހިންގި މި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ޖީންސްގެ ކަނާތްފަރާތު ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
“މީގެ އިތުރުން އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލުކުރުމުން މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާކަމަށް ތަހުލީލު ރިޕޯޓުން ދައްކައެެވެ.” ފުލުހުންގެ ބަޔާނުގައި ވެއެވެ.
މަސްތުވާތަކެތީގެ މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.