އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ މަޝްރޫއު )އައިހެވަން(ގެ ފީސިބިލިޓީގެ ފުރަތަމަ މަރުހަލާ މިއަދު ފަށައިފި އެވެ.
އައިހެވަންގެ ތަފްސީލީ ދިރާސާތަކުގެ ފުރަތަމަ ބައި ކަމަށްވާ ޓްރެފިކް މޮޑެލިންގެ މަސައްކަތް މިއަދު ރަސްމީކޮށް ވަނީ ފަށާފައެވެ.
އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް (ބީސީޖީ) އިން މިއަދު ފެށި ޖުމްލަ ހަތް ބައެއް ހިމެނޭ މި މަޝްރޫއު ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު “ހަވީރަށް” ދިން އިންޓަވިއުގައި މިއަދު ވިދާޅުވި އެވެ.
މިނިސްޓަރ ސައިދާއި ހަވާލާދީ ހަވީރު ނޫހުގައި ބުނެފައިވަނީ ބީސީޖީގެ ޓީމުން ބޯޓުފަހަރު ބަންނަ ކުންފުނިތަކާއި ބަންކަރިން އާއި ޑޮކިންގެ ހިދުމަތް ދޭ ކުންފުނިތަކާ ވާހަކަދައްކައިގެން ވަރަށް ތަފްސީލު ދިރާސާތަކެއްކޮށް ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު ކޮމްޕޯނެންޓްތައް އިހަވަންދިއްޕޮޅުގައި އެންމެ ރަނގަޅަށް ތަރައްގީކުރެވޭނެ ގޮތްތަށް ބައްލަވާނެ ކަމަށެވެ.
މީގެ ސަބަބުން އިހަވަންދިއްޕޮޅުގެ ސެވަން ޑިގްރީ ޗެނަލްގައި ކްރޫސް ޓާމިނަލާއި ބަންކަރިން އާއި ޑޮކިން ފަދަ ކަންކަން ތަރައްގީ ކުރެވޭނެ ގޮތްތައް އެނގިގެން ދާނެކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.
ބީސީޖީ އަކީ މި ކަހަލަ ދިރާސާތައް ކުރާ ދުނިޔޭގެ އެންމެ ފުންނާބުއުސް އެއް ކުންފުނިކަމަށާއި އެ ބޭފުޅުންގެ ޓީމުގައި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނިވަޑައިގަންނަވާކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އައިހެވަން މަަޝްރޫއުގައި ހިމެނޭ މައިގަނޑު ހަ ކަމަކަށްވާ ބަނދަރާއި އެއާޕޯޓާއި ބަންކަރިންގެ ހިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރަށް، ރިއަލް އެސްޓޭޓާއި ރިސޯޓުތަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނުގެ ދަށުން ތަރައްގީކުރެވިގެން ދާނެ އެވެ.
އެސްއީޒެޑް އަކީ ސަރުކާރުގެ އިގްތިސާދީ އެޖެންޑާގައި ހިމެނޭ އެންމެ މުހިއްމު ގާނޫނެވެ.
ސިންގަޕޫރުގައި މިދިޔަ އަހަރު ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ސަރުކާރުން ވަނީ މި މަޝްރޫއަށް އިންވެސްޓަރުން ހޯދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
މި މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ ސައޫދީގެ އިންވެސްޓަރުންތަކަކަށް އިހަވަންދިއްޕޮޅު ދައްކާލާފައި އެވެ. މީގެ އިތުުރުން، ސައުދީ އަރަބިއްޔާ ސަރުކާރުން ވަނީ އައިހެވަންގެ ފީސިބިލިޓީ އަށް އެއް މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް ދީފަ އެވެ.