ވިލާ ކޮލެޖުން ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުގެ ކޯސްތައް ފަށަން ހަމަޖެހިއްޖެ އެވެ.
ވިލާ ކޮލެޖުން ފެށުމަށް ހަމަޖެހިފައި ވަނީ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުގެ ބެޗެލަރސް އިން ބިޒްނަސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް އާއި ބިޒްނަސް މެނޭޖްމަންޓް ވިތު މާކެޓިން އާއި އެކައުންޓިން އެންޑް ފައިނޭންސް އަދި ބިޒްނަސް އެންޑް މެނޭޖްމަންޓެވެ.
ވިލާ ކޮލެޖުން ވަނީ ޑިސްކައުންޓްތަކަކާއެކު އެ ކޮލެޖުގައި އަލަށް ތައާރަފްކުރި ކޯސްތަކާއި ސެޕްޓެމްބަރުގައި ފަށާ 52 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން ޖުލައި 30 ވަނަ ދުވަހުގެ ގެ ނިޔަލަށް ހުޅުވާލައިފަ އެވެ.
މި ކޯސްތައް ތައާރަފްކޮށްދެއްވާފައި ވަނީ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އަދި ވިލާ ކޮލެޖުގެ ޑީން އޮފް ސްޓޫޑެންޓްސް ޑރ. އަބްދުﷲ ސާދިގު ވަނީ ޖުމަލް 3 ޑިސްކައުންޓް ސްކީމެއް ތައާރަފްކޮށްދެއްވާފަ އެވެ. އެއީ “ކޯޕަރޭޓިވް ޑިސްކައުންޓް” އާއި “ފެމިލީ ޑިސްކަައުންޓް” އަދި “ރިފަރަލް ޑިސްކައުންޓް” އެވެ.
ސަރުކާރާއި އަމިއްލަ އޮފީސްތަކަށް އަމާޒުކޮށްގެން ތައާރަފްކުރި ކޯޕަރޭޓިވް ޑިސްކައުންޓް ސްކީމުގައި އެއްވެސް އިދާރާއަކުން ސްޕޮންސާކޮށްގެން އެއްފަހަރާ ފަސް ދަރިވަރުންނަށް ވުރެ ގިނަ ދަރިވަރުން އެ ކޮލެޖުގައި ކިިޔަަވަމުން އަންނަ ނަމަ، ކޮންމެ ދަރިވަރެއްގެ ކޯސް ފީ އިން 5 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވިލާ ކޮލެޖުން މައުލޫމާތު ދިނެވެ.
ފެމިލީ ޑިސްކައުންޓަކީ ރާއްޖެއަށް ތައުލީމް ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ވިލާ ކޮލެޖުން ތައާރަފްކުރި ޑިސްކައުންޓް ސްކީމެކެވެ. މި ސްކީމްގައި އާއިލާއެއްގެ އެއް ދަރިވަރަކަށް ވުރެ ގިނަ ކުދިން އެއްފަހަރާ ކިޔަވަމުން އަންނަނަމަ، އިތުރުވާ ކޮންމެ ކުއްޖަަކަށް ކޯސްފީގެ 10 ޕަސެންޓް ލިބޭނެ ސްކީމެެއްކަަމަށް ވިލާ ކޮލެޖުން ވަނީ ބުނެފަ އެވެ.
ކުދިންގެ ކޯސް ފީ ދެއްކުމުގައި މާލީ ގޮތުން ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ތައާރަފްކޮއްފައިވާ ސްޓޫޑަންޓް ރިފަރަލް ޑިސްކައުންޓް ސްކީމްގައި ވިލާ ކޮލެޖުގައި ކިިޔަވަމުން އަންނަ ދަރިވަރަކު އެހެން ދަރިވަރަކަށް ވިލާ ކޮލެޖު ތައާރަފްކޮށްދިނުމުން، އެ ތައާރަފްކޮށްދޭ ދަރިވަރުގެ ކޯސް ފީ އިން 5 ފަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
.
ވިލާ ކޮލެޖްގައި 1500 ހާ ދަރިވަރުން ތައުލީމު ހާސިލް ކުރަމުން ގެންދެ އެވެ.