ފިނިކުރި ކާބޯތަކެތި ކެއުމަށް “ރައްކާތެރިކޮށް” ބަންދުކޮށްގެން ކުޅުދުއްފުއްޓަށް ގެންނަން ފަށައިފި އެވެ.
ފިނިކުރެވޭ ނިޒާމެއް ނެތި ރައްކާތެރި ނޫން ގޮތުގައި ބަންދުކޮށްގެން މާލެއިން ކުޅުދުއްފުއްޓަށް އެތެރެކުރާ ފިނިކުރި ބާވަތްތައް ބޭނުން ނުކުރުމަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތުން މީގެ ކުރިން ވަނީ އަންގައިފަ އެވެ. އަދި މިރޯދަމަހު މާލެއިން ކުޅުދުއްފުއްޓަށް އައި ފުރަތަމަ ބޯޓުން ގެނައި ގިނަ އަދަދެއްގެ އެއްގަމު މަހާއި އެއާ ގުޅުން ހުރި ފިނިކުރި ގިނަ ތަކެތި ގެނެސްފައިވަނީ ރައްކާތެރިގޮތުގައި ބަންދުކޮށްގެން ކަމަށް ނުވާތީ އެތަކެއް ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ.
“ކުޅުދުއްފުށީ އޮންލައިނަށް” މައުލޫމާތު ދެއްވަމުން ޕަބްލިކް ހެލްތު އޮފިޝަލް މުހައްމަދު އަބުދުލް ރަހްމާން ވިދާޅުވީ މިހާރު މާލެއިން ކުޅުދުއްފުއްޓަށް އެތެރެކުރާ ފިނިކުރި ބާވަތްތައް ބޯޓް ފަހަރަށް އެރުވޭނީ އެކަށީގެންވާ ވަރަށް ބަންދުކޮށްގެން ކަމަށެވެ. އަދި އެނޫން ގޮތަކަށް ބޯޓް ފަހަރަށް އެތަކެތި ނުލެވޭނެ ކަމަށް އޮޑިވެރިންނާ ހަވާލާދީ މުހައްމަދު ވިދާޅުވި އެވެ.
އެގޮތުން އިއްޔެ މާލެއިން ކުޅުދުއްފުއްޓަށް އައި ބަހާދަރު ބޯޓުން ގެނައި އެއްގަމުމަހާ ފިނިކުރި އެހެން ބާވަތްތަކަކީ އެކަށީގެންވާ ވަރަށް ބަންދުކޮށްގެން ގެނެސްފައިވާ ތަކެތި ކަމަށާއި އެތަކެތި ކެއުމަށް ރައްކާތެރިކަމަށް ޕަބުލިކް ހެލްތުން ބުންޏެވެ. އަދި އިއްޔެ އެބޯޓުން ގެނައި ފިނިކުރި ބާވަތްތައް ވިއްކާނެ ފިހާރަތައް ޕަބުލިކް ހެލްތުން ވަނީ އާއްމު ވެސް ކޮށްފަ އެވެ.
އެއީ:
• ފެހިދޫލަ
• ފުރޮންޓް ލައިން
• ފެމެލީ ބޭކަރީ
• ބައިޓް ފިހާރަ
• ޖަންބު މާޓް
• ތަހްނިޔާ
• އެންގަލް
ހެލްތު އޮފިޝަލް މުހައްމަދު ވިދާޅުވީ އެފަރާތުން ކުރަން ފެށި މިމަސައްކަތް ކާމިޔާބު ވަމުން އަންނަކަމަށާއި މިކަމުގައި އެފަރާތްތަށް އެއްބާރުލުން ދިން އޮޑިވެރިންނަށާއި ވިޔަފާރިވެރިންނަށް ޝުކުރުއަދާކުރާކަމަށެވެ. ކުރިއަށް އޮއްތާ ވެސް ކުޅުދުއްފުއްޓަށް އެތެރެކުރާ ފިނިކުރި ކާބޯތަކެއްޗަކީ ކެއުމަށް ރައްކާތެރިގޮތުގައި ގެންނަ އެއްޗެހި ތޯ ބަލާނެ ކަމަށް ޕަބްލިކް ހެލްތުން ބުނެ އެވެ.
ެބައެއް ބޯޓްފަހަރުގައި ފިނިކުރި ތަކެތި ޕްރިޖްކޮށްގެން ގެންނައިރު އަނެއް ބޯޓް ފަހަރުގައި އެތަކެތި ގެންނަނީ ފުޅިމަދު ފޮށީގައި ބަންދުކޮށްގެންނެވެ.
މީގެ ކުރިން ކުޅުދުއްފުއްޓަށް މިބާވަތުގެ ތަކެތި އެތެރެކުރަނީ ކޭސް ހުރިގޮތަށް ބޯޓަށް އަރުވާގެންނެވެ. އެހެން ކަމުން ކުޅުދުއްފުއްޓަށް ގެންނައިރު ގިނަ ބާވަތްތަކެއް ހުންނަނީ އެކޮށް ގަނޑުފިލާފަ އެވެ.