ކުޅުދުއްފުށީގައި ޢިމާރާތްކޮށް ނިމިފައި ވާ ސާޅީސް ރޯ ހައުސް އަށް ނަރުދަމާ އަޅައިދިނުމުގެ މަސައްކަތް އެމް.ޑަބްލިއު.އެސް.ސީ އާއި ހަވާލުކޮށްފިއެވެ. ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން، މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒެވެ. އަދި އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.
ފަނަރަ ލައްކަ ރުފިޔާ އަށް އެމް.ޑަބްލިއު.އެސް.ސީ އާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފަސްދޮޅަސް ދުވަހުގެ ތެރޭ ނިންމާގޮތަށެވެ. ނަމަވެސް އެއްބަސް ވުމުގައި ވާ ތާރީހައްވުރެ މާކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. މިއަދު ބޭއްވި ސޮއެކުރުމުގެ ރަސްމިއްޔާތަށްފަހު މީޑިޔާ އަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ މުޢިއްޒު ވިދާޅުވީ ކުޅުދުއްފުށީގައި ޢިމާރާތްކޮށް ނިމިފައިވާ ސާޅީސް ހައުސިންގ ޔުނިޓްގެ އިތުރުން މަސައްކަތް މިހާތަނަށް ނުނިމިހުރި ސަތޭކަ ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް ގާތްގަނޑަކަށް ނުވަދިހަ އިންސައްތަ ނިމިފައި ވާކަމަށެވެ.
” އެންމެ ކުޑަ ވެގެން 90% މަސައްކަތް މިހާރު ނިމިއްޖެ. ދެން އަޅުގަނޑުމެން މިދަނީ ކޮންޓްރެކްޓަރާއި ޑިވެލޮޕާއާއިވެސް ބައްދަލުކޮށް މަޢުލޫމާތު ހޯދާ އަޕްޑޭޓް ހޯދަމުން. މިހާރު އޮތްގޮތުން ސެޕްޓެމްބަރ މަސް އަންނަންވާއިރަށް ހުރިހާމަސައްކަތެއް ނިމޭނެ. އެ ގެތަކަށް މީހުން ކަނޑައެޅި ނިމެންވާއިރަށް އަޅުގަނޑުމެންނަށް ވަރަށް ނުންމީދު އެބައޮތް ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށް.” މިނިސްޓަރ ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ޢިމާރާތް ކުރަމުންގެންދާ ސަތޭކަ ސާޅީސް ރޯ ހައުސްގެ މަސައްކަތަކީ ދެހާސް ދިހަވަނަ އަހަރު އަމިއްލަ ކުންފުންޏަކާއި ހަވާލުކުރި މަސައްކަތެކެވެ. ނަމަވެސް ގިނަ ސަބަބު ތަކަކާއި ހެދި ރޯހައުސް ޢިމާރާތްކުރުމުގެ މަސައްކަތް، އެއްބަސްވެފައި ވާ ތާރީހަށް ނިމިފައި ނުވާތީ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން ގެންދެއެވެ.