ޑެންގީ ހުމުގެ ބިރު މުޅި ރާއްޖެއަށް ފެތުރި މަދިރި ކޮންޓްރޯލްކުރުމަށް ގައުމީ ފެންވަރުގައި ރާއްޖޭގައި ހަރަކާތްތަކެއް ވަނީ ފަށާފަ އެެވެ. އަދި އަތޮޅު ފެންވަރުގައި މަދިރި އުފެދޭ ތަންތައް ނައްތާލުމުގެ މަސައްކަތްތައް ވެސް ވަނީ ފަށާފަ އެވެ. އެގޮތުން ކުޅުދުއްފުށީގައި ވެސް ވަނީ މަދިރި އުފެދޭތަންތައް ނައްތާލުމުގެ މަސައްކަތް ކަމާ ގުޅުން ހުރި ފަރާތްތަކުން ފަށާފަ އެވެ.
އެންމެ ގިނައިން މަދިރި އުފެދެނީ ކާނުތަކުގައި އެވެ. ކުޅުދުއްފުށީ އަމީނީމަގުގެ ކާނުތަކަކީ ފެން ދައުރުވާ ގޮތަށް ހުރިތަންތަންނަށް ނުވާއިރު އެތަނުގައި މަދިރި ފަނި އާލާވުމުގެ ފުރުސަތު ބޮޑެވެ.
އިއްޔެ ކުޅުދުއްފުށީ އޮންލައިންގެ ރިޕޯޓަރުން އަމީނީމަގުގެ ކާނުތައް ބަލާލިއިރު ގިނަ ކާނުތަކެއްގައި ފެން ހަރުލާފައިހުރިއިރު މަދިރި ބިސް އަޅާފައި ހުއްޓެވެ.
މިކަމާ ގުޅިގެން މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަދިރި ކޮންޓްރޯލްކޮށް ޑެންގޫ ހުމާ ދެކޮޅަށް މަސައްކަތްކުރުމަށް ކުޅުދުއްފުށީގައި އުއްފަދާފައިވާ ޓާސްކްފޯސްގެ މެނޭޖަރު މުހައްމަދު އަބްދުއްރަހްމާނު ވިދާޅުވީ ކާނުތަކުގައި އުފެދިފައިވާ މަދިރި ފަނި ނައްތާލުމަށްޓަކައި ކާނުތަކަށް ދިރޭ މަސް އަޅަން ހަމަޖެހިފައިވާ ކަމަށެވެ. ހުކުރު ދުވަހު މަސް ހިފުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ހުކުރު ދުވަހު މަސް ހިފުމަށް ފަހު ހޮނިހިރު ދުވަހު ކާނުތަކަށް މަސް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ ކާނުތަކަށާއި މަދިރިއުފެދޭގޮތަށް ހުރި ފެންގަނޑުތަކަށް މަސް ލުމަށް ނިންމީ، ބީޓީއައި ނުވަތަ މަދިރި ފަނި ނައްތާލުމަށް ބަޔޮލޮޖިކަލީ ބޭނުން ކުރާ ވަސީލަތަކީ ކޮންމެ ހަފްތާއަކުން ބޭނުން ކުރަން ޖެހޭ އެއްޗަކަށްވާތީ، ދިގު މުއްދަތައް މަދިރި ފަނި ނައްތާލުމަށް ކާނުތަކަށް ލުމަށް މުހިއްމީ މަސް ކަމަށްވާތީ ކަމަށެވެ.
ޑެންގީ ހުމުގެ 2 ރިޕޯޓެއް ކުޅުދުއްފުށިން ފެނިފައިވާއިރު އެދެ މީހުން ވެސް ވަނީ މިހާރު ރަގަޅުވެފަ އެވެ.