ލިޔުނީ: ޝިއުނާ އިބްރާހިމް
ހަވީރުގެ ހިތްފަސޭހަ ވަގުތު ރަށުގެ އަތިރިމަތީގައި އެކިވަރުގެ ރައްޔިތުން އެކި ކަންކަމުގައި ބައިބަޔަށް ޖަމާވެ ތިއްބެވެ. ކަނޑުން އަންނަ ފިނި ރޯޅިން ލިއްބައިދޭ އުފާ ހާސިލް ކުރުމަށް ސާފު ދޮންވެލިގަނޑުގެ މަތީގައި އެއްބަޔަކު ތިބި އިރު ކުޑަކުދިންތައް މޫދަށް އެރި ކުޅެ މަޖާނަގަމުން ދިޔައެވެ. އަތިރިމަތީގައި ހުރި ބޮޑު ނިކަގަހުގެ ހިޔަލުގައި އާލިމް ހުރީ މިހުރިހާ މަންޒަރަކަށް ނަޒަރު ހިންގާލާށެވެ. ނަމަވެސް އޭނާ މިތަނަށް އައި މަގުސަދަކީ އެހެން މީހުން ކުރާ ކަމެއް ބެލުމެއް ނޫނެވެ. އޭނާގެ ލޯބިވެރިޔާ ޒޫނާއާ ބައްދަލުކޮށްލުމުގެ ފޮނި އުންމީދުގައި އެވެ.
ފަހަތުން މީހެއްގެ ހިލަމެއް ވީހެން ހީވެގެން ބަލައިލިއިރު އޭނާގެ ރީތި ރާނީ މަޑުހިނގުމެއްގައި އައިސް އާލިމްއާ އަރާ ހަމަވެނީއެވެ. އާލިމްއާ ހަތަރު ކަޅި ހަމަވުމާއެކު ޒޫޫނާ އޭނާއަށް ޖާދުވީ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެ ހިނިތުންވުން އޭގެ ވާޖިބު އަދާކޮށް އާލިމްގެ ހިތުގެ އެންމެ ހިމަ ނާރުތަކާ ކުޅެލިއެވެ.
“ޒޫ ހާދަ ލަސްވީ މިހާރުމިތާ ހުންނަތާ ކިހާއިރެއް ވެއްޖެ.” އާލިމް ޝަކުވާގެ ރާގަކަށް ސަމާސާކޮށްލިއެވެ.”
ލަސްވާނުން. ހެދުން ހެޔޮވަރު ކުރަން އުޅެފަ މިއައީ ކައިވެންޏަށް ދެދުވަހަށް ވެފަ އޮއްވާ މިހެން ބައްދަލު ނުކުރިޔަސް ވެދާނެއްނު. އާލިމް ހާދަ ކެތްމަދޭ ދޯ.” ޒޫނާވެސް ސަމާސާ ކޮށްލިއެވެ.
ދެކުދިންގެ ކައިވެނީގެ ކަންތައް ހަމަޖެހި ދެއާއިލާގެ ރުހުން ލިބިފައި ވަނީ ދާދިފަސޭހައިންނެވެ. ރައްޓެހިވެގެން އުޅޭތާ ހަމަސް ވެފައި ވާއިރު ދެކުދިންވެސް އެކަކު އަނެއްކަކުދެކެ ވަރަށް ލޯބިވެއެވެ.
އާލިމްއަށް އެންމެ ފުރަތަމަ ޒޫނާފެނުނީ ހަ އަހަރުދުވަހު ބޭރުގައި ޑޮކްޓަރުކަން ކިޔެވުމަށްފަހު ރަށަށް އައި ދުވަހު އެވެ. ފުރަތަމަ ނަޒަރުންވެސް އޭނާގެ ހިތް އެރީތި އަންހެން ކުއްޖާގެ އެއްޗަކަށްވެ ނިމިއްޖެ އެވެ. ކިޔަވަން އުޅުނުދުވަސްވަރު އެތަކެއް އަންހެން ކުދިންގެ ހިތްތައް ޒަހަމްކޮށްލާފައިވާ އެކުދިންނަށް ނޫނެކޭ ބުނި އާލިމްއަށް މިހެންވާންޖެހުނު ސަބަބެއް ހުދު އޭނާއަށްވެސް ނުވިސްނުނެވެ. ޒޫނާގެ ގާތު ރައްޓެހިވާން އެހުމުން އޭނާ ނުހަނު ފާސޭހައިން އެއްބަސްވިއެވެ. ރައްޓެހިވި ދުވަހުން ފެށިގެން ކައިވެންޏާ ހަމައަށް އައި އިރުވެސް ދެމީހުން ދޭތެރޭ އެއްވެސް މައްސަލައެއް ނުޖެހެ އެވެ.
އިރުކޮޅެއް ވަންދެން ވާހަކަ ދައްކާލަން ތިބުމަށްފަހު ޒޫނާ ދަނީކަމަށްބުނެ ގެއަށް ދާން ހިނގައިގަތެވެ. ކުރަންވެފައި ހުރިބައިވަރު ކަންތައް ހުރިކަމުގައި ވިއަސް އާލިމް ގެޔައަށްދާކަށް ބޭނުމެއްނުވިއެވެ. ރަށަށް އައިފަހުން އޭނާވަނީ މިކަހަލަ މާހައުލުތަކަށް ލޯބިޖެހިފަ އެވެ. އިރުއޮއްސި އަނދިރިވާން ކައިރިވުމާއެކު އަތިރިމަތިން މީހުން މަދުވާން ފެށިއެވެ. މީހުން މަދުވަމުންގޮސް މިހާރު އެތާގައި ހުރީ އާލިމް އެކަންޏެވެ. އެބިޔަ ނިކަގަހުގައި ލެނގިލައިގެން ހުރިއިރު ގެއަށް ދިއުމަށް ހިޔާލެއްވެސް ނެތީ ކަހަލަ އެވެ. އިރުއޮއްސޭވަގުތު އުޑުމަތިން ދައްކައިދޭ ރީތި ކުލަތަކަށް ގެއްލިފައި ހުރެވުނީއެވެ.
ނިކަގަހުގެ ކައިރީގައި ހެދިފައިހުރި މަގޫގަސްތަކުގެ ތެރެއިން އަޑެ އިވުމާއެކު އާލިމް އެދިމާއަށް ކަޅިއެއް އެއްލިއެވެ. އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ދުނިޔެމައްޗަށް އަނދިރިކަންވެރިވެފައިވާ މިންވަރު އޭނާއަށް އިހްސާސް ކޮށްލެވުނީ ދެނެވެ. އަވަސް އަވަހަށް ގެއަށް ދާން ހިންގައިގަތެވެ. ގަސްތަކުގެ ތެރެއިން ދިއްލިފައިވާ ރަތް ދެލޯ އޭނާއަކަށް ނެފެނެއެވެ.
ކައިވެނި ޕާޓީ އޮތީ ޒޫނާގެ ގޭގައި ކަމުން އަނެއް ދުވަހު އެއްކޮށްހެން އާލިމް އުޅުނީ އެކަމުގެ ތައްޔާރީތަކުގައި އެގޭގައި އެވެ. އެރޭ ވަރަށް ދަންވިފަހުން އޭނާގެއަށް ދާންހިނގައިގަތީ ސައިކަލްގެ ޕެޓްރޯލް ހުސްވެފައި ހުރުމާއެކު، ގެ ހުންނަނީ އެހާ ދުރުގަ ނޫން ކަމަށް ވަތީއެވެ. އަނެއް ދުވަހަށް ކުރެވޭ ފޮނި އުންމީދުތަކާ ހިޔާލްތަކުގެ ތެެރޭގައި މަޑު ހިނގުމެއްގައި ގެއާދިމާއަށް މިސްރާބު ޖަހާފައިހުރި އާލިމް ސިއްސައިގެން ދިޔައީ މަގުމަތީހުރި ހުރި ހުރިހާ ހޮޅިބުރިތަކެއް އެއްފަހަރާ ނިވުމުންނެވެ. ކަނު އަނދިރިކަމުގެ ތެރޭގައި އޭނާއަށް އެއްވެސް ތަނެއް ނުފެނެ އެވެ. ގެ ހުންނަދިމާލަށް ދިއުމަށް އޭނާ އަވަސްވެގަތެވެ.
ދެތިންފިޔަވަޅުވެސް ކުރިޔަށް ނޭޅިގެންއުޅެނިކޮށް އޭނާ ކުރިމަތިން ފާޅުވީ ރަތް ހެދުމެއްގައި ހުރި އަންހެން ކުއްޖެކެވެ. އެކުއްޖާ ރުޅިވެރި ނަޒަރަކުން އާލިމްއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އެކުއްޖާ ފެނުމާއެކު އެެއީ އިންސާނެއް ނޫންކަން އާލިމްއަށް އެނގުނެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން އޭނާ ކުރިއަށް ދުއްވައިގަތެވެ. އޭނާގެ ނަސީބުގައި ހުރިގޮތުން ކަމަށް ވެދާނެއެވެ. އެވަގުތު މަގުމަތީގައި ހުރި ބައްތިތައް އަލުން ދިއްލުނެވެ. އެންމެފަހަރަކުވެސް ފަހަތް ބަލާ ނުލާ ދުވަމުން އާލިމް އައިސް ގެއަށް ވަތް އިރު ހުރީ މާނޭވާ ލެވިފައެވެ. އަވަހަށް ކޮޓަރިއަށް ވަދެ ދޮރު ތަޅުލީއެވެ. ކުޑަކޮށް ހަމަޖެހިލުމާއެކު އެކަންތައް މަތިން ހަނދާން ނައްތާލުމަށް މަަސައްކަތްކުރިއެވެ. ފެންވަރައިގެން އަވަހަށް ނިދީއެވެ.
ހެނދުނު ހޭލެވުމާއެކު ރޭގެ ހާދިސާ ދެންމެ ވީ ކަމެއްހެން އާލިމްއަށް ތަސްވީރުވެގެން ދިޔައެވެ. އެފަދަކަމެއް އޭނާއަށް ދިމާވާންވީ ސަބަބު އއްގޮތަކަށްވެސް ނުވިސްނުނެވެ. ނަމަވެސް އެ އަންހެން ކުއްޖާ ކުރިން ފެނުނު ހަނދާނެއް ވެއެވެ. އެ ފިކުރުގައި އޮއްވާ އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ލަސްވެގެން ޒޫނާ ގުޅަނީއެވެ. ފިކުރުކުރަން އޮވެވޭކަށް ނެތްތާއެވެ. މިއަދަކީ އޭނާގެ ހަޔާތުގައި އަންނަ ވަރަށް މުހިންމު ވަރަށް އުފާވެރި ދުވަހެކެވެ. އޭނާގެ އަލަތު ކައިވެނީ ކުރެވޭ ދުވަހެވެ. ފޯނު ނެގުމަށް ފަހު މިދަނީއޭ ބުނެ އާލިމް ފޯނު ކަނޑާލިއެވެ. ފެންވަރާ ސައިބޮއެގެން ޒޫނާގެ ގެއަށް ދިޔައެވެ. އޭރު އެގޭތެރޭ އެކިމީހުން ބުރަ މަސައްކަތުގައި ޝާމިލްވެ އުޅެއެެވެ. މިދުވަސްކޮޅު ވަޒީފާއިން ޗުއްޓީ ނެގުންކަން ނަސީބޭ އޭނާ ހިތަށްއެރިއެވެ.
ގޭތެރެއިން ނުކުމެގެން ޒޫނާއަންނަތަން އާލިމްއަށް ފެނުނީ ދެނެވެ. ޒޫނާ އައިސް އޭނާކައިރިއަށް ހުއްޓިލުމަށްފަހު ސައިބޮއެފިންހޭ އަހާލިއެވެ. އާލިމް ބޯޖަހާލުމުން ވަރަަށް މުހިންމު ކަމަކު ބޭރަށް ދަނީކަމަށް ބުނެ ޒޫނާ އޭނާގެ ރައްޓެއްސަކައިއެކު ބޭރަށް ދާން ހިނގައިގަތެވެ. ޒޫނާ ލޯމަތިން ގެއްލުމާއެކެ ގޭތެރެ ޒީނަތްތެރި ކުރުރުމުގައި އާލިމްވެސް ބައިވެރި ވި އެވެ. ދޭތެރެއަކު މީހަކު އެއްލާ ބަހުގެ އަމާޒަކަށް އޭނާވެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި ހިނިތުންވި ކަމުގައި ވިޔަސް ރޭގެ ހާދިސާ އާލިމްގެ ހިޔާލުތަަކަށް އުނދަގޫކުރަމުން ދިޔައެވެ. އެެއީ ކޮން އަންހެން ކުއްޖެއް ބާވައެވެ؟ އެކުއްޖާ އެއީ ހަގީގަތުގައިވެސް ރޫހާނީ އެއްޗެއްނަމަ، އާލިމްއާ ދިމާކުރަންވީ ސަބަބެއް ކޮބައިބާވައެވެ؟
ކައިވެނި އޮތީ އެރޭ އަށެއް ޖަހާއިރަށް ހަމަޖެހިފައެވެ. ޕާޓީ އޮތީ އޭގެ ފަހުންނެވެ. ތައްޔާރު ވުމަށްޓަކައި ގެއަށް ދާން ބަލަައިލި އިރު އެއްވެސް ދިމާލަކުން ޒޫނާ ފެންނާކަަށް ނެތެވެ. ގޭތެރެއަށް ވަދެއްޖެނަމަ އިތުރަށް ބަހުގެ ހަމަލާތައް އަމަޒުވެދާނެތީ އާލިމް ޒޫނާ ހޯދުމަށް އިތުރު މަސައްކަތެއް ނުކޮށް އޭނާ ދިޔައީ ގެއަށެވެ. ގެއަށް ގޮސް ވަދެވުމާއެކު މަންމައާ ދިމާވި އެވެ. މަަންމަ ހުރީ އާލިމް ނައިސްގެން ލަސްވެފަ އެވެ.
“ދަރިފުޅާ އަވަހަށް ދޭ ތައްޔާރުވާން. އެކަމަކު ދަރުފުޅުގެ ކޮޓަރިއަށް ނުވަންނާތި އިނގޭ ޒޫނާ މިއަދު އައިސް ވަރަށް ގިނަ އިރު އެތާގައި އެޅުން. ދަމުން ބުނި އާލިމް ކޮޓަރިއަށް ނުވެއްދުމަށް ތައްޔާރުވާން ބޭނުން އެއްޗެހި ހުންނާނެ ކޮއްކޮ ކޮޓަރީގައި.” އާލިމްގެ މަންމަ ހަފީޒާ ހިނިތުންވުމާއެކު ބުނެލި އެވެ. އަދި މަންމަމެން ދަނީކަމަށްބުނެ ގެއިން ނުކުތެވެ.
ޒޫނާގެ އެދުމަކަށް ފުރަގަސް ނުދިނުމުގެ ގޮތުން އާލިމް ކޮއްކޮ ކޮޓަރިއަށް ވަދެ ތައްޔާރު ވެލި އެވެ. އަދި އަށެއްޖެހުމުގެ ކުރިން ދެމީހުންއެކީ ޒޫނާމެން ގެޔަށް ދިޔަ އެވެ. އޭރު އެގޭގެ ތެރޭގައި ދެ އާއިލާގެ މީހުން ޖަމާވެފައި ތިއްބެވެ. ގާޒީއާއި ހެކިވެރިންވެސް އައިސް ތިއްބެވެ. މަދުވަނީ ހަމައެކަނި ޒޫނާ އެވެ. އަލަތު ކައިވެންޏަށް އަންހެން ކުއްޖާ ތައްޔާރުވާން ލައްކަ އިރު ނަގާނޭ ބުނެ އެކި މީހުން ސަމާސާ ކުރަމުން ދެއެވެ.
ޒޫނާއަށް ނުކުމެވުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އޭނާ ހަމަ ފެނުމާއެކު އަތްފައި ފިނިވެގެން ދިޔަ އެވެ. ރަތްކުލައިގެ ރީތި ހެދުމުގައި ޒޫނާގެ ރީތިކަން އެތައް ގުނައަކަށް ވަނީ އިތުރުވެފަ އެވެ. އޭނާގެ ރީތިކަމަށް ތައުރީފު ނުކުރާ ހަމަ އެކަކުވެސް ނެތެވެ. ނަމަވެސް އާލިމް ހިތުގެ ތެޅުން ބާރުވީ އެސަބަބާ ހެދި އެކަންޏެއް ނޫނެވެ. ކުރީރޭ ފެނުނު އަންހެން ކުއްޖާއާ ޒޫނާއާ ވައްތަރު ގޮތެއް ހުރިކަމަށް ހީވުމުންނެވެ. އެއީ ދެކުދިންވެސް ރަތްކުލައިގެ ހެދުން ލައިފައި ތިބުމުން ކަމަށް ގަބޫލްކޮށް އެއީ ކުށްހީއެއްކަމަށް ހަދާ އެ ވިސްނުން ހިތުން ބޭރުކޮށްލި އެވެ. އަދި ކައިވެނީގެ ކަންކަމާއެކު ކުރިއަށް ދިޔަ އެވެ. އަދި ކައިވެނީގެ ކަންކަމާއެކު ކުރިއަށްދިޔަ އެވެ. އޭނާއަށް ލިބިފައިވާ އުފާވެރިކަމަށް އަސަރު ކުރާކަށް ބޭނުނެއް ނުވެއެވެ.
އާލިމްއާއި ޒޫނާގެ ކައިވެނި ކުރެވިގެން ދިޔައެވެ. އެކި ފަރާތްތަކުން މަރުހަބާ ކިޔަމުން ދިޔައިރު ދެކުދިންގެ މޫނުމަތިން ހިނިތުން ފިލައިގެން ނުދެއެެވެ. ދެކަނބަލުން ތިބުމަށް ހަމަޖެހިފައިވާ ކުޑަ ސްޓޭޖް މަތީ އައިސް މަޑުކޮށްލި އެވެ. މެހެމާނުން އެއިރު ވަނީ އަންނަށް ފަށާފަ އެވެ.
“އަހަރެންގެ ކޮޓަރިއަށް ކިހިނެއް ހަދާފަ ޒޫ ތި އައީ؟” ޒޫނާގެ ކަންފަތް ކައިރީ މަޑުމަޑުން އާލިމް އަހާލި އެވެ.
“އެއީ ސަޕްރައިޒެއް” ލުއި ހީލުމަކާއެކު ޒޫނާ ޖަވާބު ދިނެވެ. އެވަގުތުން ފެށިގެން އެ “ސަޕްރައިޒް” އަށް އާލިމް އިންތިޒާރު ކުރަންފެށި އެވެ.
ޕާޓީ ނިމުނުއިރު ހުރީ ގަޑިން ބާރަޖަހާ ބޮޑުވެފަ އެވެ. ރައްޓެހިންގެ ވާހަކަތަކުން ސަލާމަތް ވުމަށްޓަކައި ދެމީހުން އަވަހަށް ކާރެއްގައި އާލިމް ގެއަށް ދިޔައެވެ. އޭރު އާލިމް ގެ މައިންބަފައިންނާއި ހުރި ހަމައެކަނި ކޮއްކޮ ފައިސަލް ހުރީ ޒޫނާމެންގޭގަ އެވެ. އެމީހުން ގެޔަށްދާނީ ތަންކޮޅެއް ލަސްކޮށްލާފައި ކަމަށް ބުންޏެވެ. ކާރު އައިސް ގެޔާ އަރާހަމަވުމުން ދެމީހުން ކާރުން ފެބި އެވެ. އަތުގުޅުވާލައިގެން އެކީގައި ހިންގާފައިގޮސް ގޭތެރެއަށް ވަނެވެ. އާލިމް ކޮޓަރިއާ އަރާ ހަމަވުމާއެކު ދޮރު ހުޅުވުމަށް އޭނާ އަތް ދިއްކޮށްލި އެވެ. އެކަން ހުއްޓުވީ ޒޫނާ އެވެ. ދޮރު ހުޅުވީ އޭނާ އަމިއްލައަށެވެ. ކޮޓަރި ތެރެއިން ފެންނަން އޮތީ ކަޅުދަރި ކަމެވެ. ދެމީހުންއެކީ ކޮޓަރިއަށް ވަދެވުމާއެކު ލައިޓްތައް ޖެއްސުމަށް ޒޫނާ އެދުނެވެ.
ލައިޓުތައް ދިއްލާލަމާއެކު އާލިމްއަށް ލިބުނީ ޝޮކެވެ. އޭނާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. އަބަދުވެސް ސާފުކޮށް ބާއްވާފައި އޮންނަ އޭނާގެ ކޮޓަރީގެ ހުރިހާ ތަނަކަށް ވަނީ އެއްޗެހި އުކާ ހަޑިކޮށްފަ އެވެ. އޭނާގެ ބުރަ މަސައްކަތުން ހޯދާފައިވާ ސެޓްފިކެޓްތަކާއި ފާސްތައްވަނީ ވީދާކުދިކޮށްފަ އެވެ. މިއިން އެއްކަމަކަށްވުރެބޮޑަށް އޭނާއަށް ސިހުމާއި ބިރުވެރިކަން ލިބުނީ އެތައް މިތާ ހަރުކޮށްފައިވާ އެކިވަރުގެ ފޮޓޯތައް ފެނިފައެެވެ. އަންހެން ކުއްޖެއްގެ ފޮޓޯތަކެކެވެ. އާއެކެވެ. އެއީ ހަމަ އެކުއްޖާއެވެ. އާލިމަށް އެރޭ ފެނުނު އަންހެން ކުއްޖާއެވެ. ވާނުވާ ނޭނގިގެން ޒޫނާ އާއި ދިމާއަށް ބަލާލިއިރު ދޮރު ތަޅުލާފައި އޭނާ އެނބުރިލަނީ އެވެ. އާލިމްގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިގެންދިޔަ އެވެ. ކުރިމަތިން ފެންނަން ހުރީ އޭނާގެ ލޯބިވާ މިހާރު އޭނާގެ އަނބިމީހާ ކަމުގައި ގަބޫލްވެސް ނުކުރެވުނެވެ. އަބަދުވެސް ހިނިތުންވުން ފެންނަ ޒޫނާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ނަފްރަތާއި ރުޅިވެރިކަމެވެ.
“ޒޫނާ މިއީ ކޮންކަމެއް؟ ޒޫނާއަށް ކިހިނެތްވެފަ ތިހިރީ؟ އެއީ ކޮން އަންހެން ކުއްޖެއް؟” ލިބިފައިވާ ސިހުމާއެކު ވެސް އާލިމް އޭނާގެ ހިތުގައި ފުނިޖެހިފައިވާ ސުވާލުތައް ކުރަންފެށި އެވެ.
“އާން އާލިމްއަކަށް ނޭނގޭނެ! ހަނދާނެއް ނުހުންނާނެ. ތިއީ އެހާ ރަހުމްކުޑަ ނުލަފާ މީހެއްކަން އިހްސާސެއް ނުކުރެވޭނެ!” ހަރުކަށި ރާގެއްގައި ޒޫނާ ވާހަކަ ދައްކަންފެށި އެވެ.
“ކީކޭ ޒޫ ތި ކިޔަނީ އަހަންނަކަށް ނުވިސްނުން” ޒޫނާގެ ވާހަކަތަކުން އާލިމްއަށް ސިހުން ލިބިގެން ދިޔައެވެ.
“ނުވިސްނޭނެ. ތިއީ އެހާ ހިތެއްނެތް މީހެއް ވިއްޔާ! އެކުއްޖަކީ އަހަރެންގެ ދައްތަ! އާލިމްގެ ލޯތްބަށް އެދި ސަލާންޖަހަމުން އޭނާ ނުކުރަނީ ކޮންކަމެއް؟ އެންމެ ފަހުން އާލިމް އޭނާގެ ލޯބީގައި ކޮޅުފައިން ޖަހާ ރައްޓެހިވެގެން ތެރޭގައި އޭނާ ލަދުގަންނަވާލާ ރާއްޖޭއިން ބޭރަށް ފުރައިގެން ދިޔައީ، އެކަމުގެ ހިތާމައިގައި ދައްތަ އަމިއްލަޔަށް ދަންޖެހިގެން މަރުވީ އެދުވަހަށް ފަހު އަހަރެން އާލިމް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދިޔައީ. ޒުހާގެ ގާތިލްގެ ކިބައިން ބަދަލު ހިފުމަށް.” އާލިމަށް ހުރިހާ ކަމެއް ހަނދާން ވާން ފެށިއެވެ.
ޒުހާ އަކީ އެނާއާ އެއްކުލާހެއްގައި ކިޔެވި ކުއްޖެކެވެ. އާލިމް ފަހަތުން ނުނެއްޓި ލޯބިވާ ކަމަށް ބުނެ އުޅުނު ކުއްޖެކެވެ. އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ ޒުހާގެ ރައްޓެހިންގެ ތެރޭގައި އޭނާގެ އެދުމަށް ދެކޮޅުހެދީ ޒުހާއަށް ވިސްނޭނެ ކަމަށް ހީކޮށެވެ. ނަމަވެސް ކަންތައް ވެގެންދިޔައީ އެހެންނެއް ނޫނެވެ.
އާލިމްއަށް ހޭވެރިކަންވީ ޒޫނާ އޭނާއާ ދިމާއަށް އަންނަން ފެށުމުންނެވެ. އޭނާގެ އަތުގައި ބޮޑު ވަޅިއެއް އޮތެވެ.
“އާލިމް ތިހިރީ ރަނގަަޅަށްވެސް އަހަރެންގެ މަޅީގައި ބެދިފަ. ސިހުރު ހަދާ މީހެއްގެ އެހީގައި އާލިމް ބިރުގެންނެވީވެސް އަހަރެން. ދެން ނިކަން ސަލާމަތްވެބަލަ ދައްތައަށް ނުލިބުނު އުފަލެއް ކަލެއަކަށްވެސް ނުލިބޭނެ މިރޭ މިކަމަށް ހާއްސަ ވީވެސް ހަމަ އެސަބަބަށްޓަކައި ދެން ނިކަން ސަލާމަތް ވެބަލަ!” މޮޔައެއްހެން ޒޫނާ އާލިމްއާ ދިމާއަށް ވަޅިހިފައިގެން އައެވެ.
އެވަގުތު ކޮޓަރީގެ ދޮރު ހަލާކު ކޮއްލައިގެން ބަޔަކު އެތަނަަށް ވަނެވެ. އެމީހުންގެ ތެރޭގައި ޒޫނާއާއި އާލިމްގެ އާއިލާއާއި ސިފައިން ތިއްބެވެ. އެމީހުން އައިސް ޒޫނާ ހިފެހެއްޓި އެވެ. ޒޫނާގެ ސާމާނު ޕެކް ކުރުމުގެ ތެރޭގައި އޭނާގެ ޑައިރީފެނި ހުރިހާ ކަމެއް އެންމެނަށް ފަޅާއެރީއެވެ.
އާލިމް އޭނާގެ ރަށް ދޫކޮށް އުމުރަށް ބޭރަށް ބަދަލުވީ އެވެ. އެދުވަހަށްފަހު މޮޔައިން ބަލަހައްޓާ ތާކަށް ޒޫނާ ގެންދެވުނެވެ. އާލިމް އޭނާގެ ނަސީބާމެދު ހެއްދެވިފަރާތައް އަބަދުވެސް ޝުކުރުއަދާކުރެ އެވެ. ނަފްރަތަކީ ކިހާ ނުރައްކާތެރި އެއްޗެއްކަމެއް އޭނާއަށް ކުރިއަކުން ނޭނގެއެވެ.
ނޯޓް: މިއީ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުޅުދުއްފުށި އޮންލައިން އިން ބާއްވާ 5 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ސީ ގެ ޝިއުނާ އިބްރާހިމް އެވެ.