ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތް އައިލެން ލައިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އިސްމާއިލް އަލީ އެވެ. އައިލެންޑް ލައިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަދީޖާ އުމައިލާ އެވެ.
މި އެއްބަސްވުމުގެ ދަށުން އަފީފުއްދީން ސްކޫލްގައި އިމާރާތްކުރާ ތިން ބުރީގެ އިމާރާތުގައި 9 ކްލާސްރޫމާއި އަދި ފާހާނާ ބްލޮކެއް އެޅުމަށް ހަމަޖެހިފައިވެ އެވެ.
އަފީފުއްދީން ސްކޫލުގައި އަލަށް އިމާރާތްކުރާ 3 ބުރީގެ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް އިސްމާއިލް ވިދާޅުވީ އަފީފުއްދީން ސްކޫލްގައި މި އިމާރާތް އެޅިގެންދަނީ ހަރަދު ކުޑަކޮށް، ސީއެސްއާރުގެ ދަށުން ކޮށްދޭ މަސައްކަތެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާޙީމް އިސްމާޢީލް ވިދާޅުވީ 4.45 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން އަލަށް އަޅާ މި އިމާރާތުގެ މަސައްކަތް މިއަހަރު ނިންމައި، އަންނަ އަހަރު އެ އިމާރާތް ބޭނުންކުރަން ފެށޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި އިމާރާތުގެ މަސައްކަތް ނިމުމުން އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.