ގިނަ ފަހަރަށް ގައުމުތަކުން އަޅުވެތިކަމާ ކުރިމަތިލާން ޖެހެނީ އެހެން ގައުމަކުން އެގައުމަކަށް އަރައި، ހަނގުރާމަކޮށް ސަރުކާރު ބަލިކޮށްލައިގެން ކަމަށް ވިޔަސް ރާއްޖޭގައި މިކަން އަދި އޮންނަނީ އެހެން ގޮތަކަށެވެ. ރާއްޖޭގެ ސަރުކާރުތަކުން ކުރާކަމަކީ އަތޮޅުތައް “ފެލައިގެން” ހަމައެކަނި މާލޭ ސަރަހައްދު ތަރައްގީކުރުމެވެ. މިއީ އަޅުވެތިކަން ގިންތިކުރާނަމަ އެންމެ ހިތްދަތިކުރުވާ އަޅުވެތިކުރުމެވެ. އެބައެއްގެ އަމިއްލަ ގައުމުގައިވާ ވާ އަޅުވެތިކުރުމެވެ. ގައުމެއްގެ ސަރުކާރެއް އެގައުމެއްގެ ވަކި ރައްޔިތުންތަކެއް ފެލައިގެން ވަކި ސަރަހައްދެއް ތަރައްގީކުރާކުރާނަމަ އެއީ ވަރަށް ބޭއިންސާފު ކަމެއްކަމުގައި ނޫނީ ނުވާނެއެވެ.
މިނިވަންކަމުގެ އަޑުގަދަ މިދުވަސްވަރު އަތޮޅުތެރޭގެ ރައްޔިތުންގެ ދިރިއުޅެންމުންދަނީ “މިނިވަން” ކަމާއެކު ތޯ މިއީ މިމުނާސަބަތުގައި ވާހަކަ ދައްކާލަން ރަގަޅު މައުލޫއެކެވެ. އަތޮޅުތަކަށް ލިބޭހާ ފައިސާއެއް އެކި ނަންނަމުގައި ގެންގޮސް ހަމައެކަނި ތަރައްގީ ކުރަނީ މާލެ އެވެ. މިއީ ކޮންފަދަ ބޭއިންސާފު ކަމެއްތޯ އެވެ. ޗަކަވެ ހަޑިވެފައިވާ މަގުތަކުގައި ދުއްވަން ބޭނުންކުރާ ސައިކަލްތަކާއި ލައިސަންސް ކާޑާއި ކަރަންޓާއި ފެނުން ނަގާ ހުރިހާ ފައިސާއެއް ގެންދަނީ މާލެއަށެވެ. ކުއްޔަށް ދީފައިވާ ފަޅު ރަށްތަކުންނާއި ރަށްރަށުން ކުންފުނިތަކަށް ދީފައިވާ ބިންތަކުން ނަގާ ރުފިޔާކޮޅު ވެސް ހަމަ ގެންދަނީ މާލެއަށެވެ. ދެންވެސް ކިޔަންވީ މިނިވަން ކަމޭ ހެއްޔެވެ؟ ހުރިހާ ހިދުމަތެއް ގާއިމްކޮށްފައި ހުރީ މާލޭގައި އެެވެ. އެހެން ކަމުން ބައްޔެއް ވިޔަސް ރަގަޅު ތައުލީމެއް ހޯދަން ވިޔަސް ނޫނީއްޔާ އަސާސީ އެހެން ހިދުމަތެއް ހޯދަވިޔަސް ދާން ޖެހެނީ މާލެއަށެވެ. މާލޭ ބިންވެރިންނަށް ފައިދާވާ ގޮތަށް ބޮޑު ކުލި ދީފައި ތިބެންޖެހެނީ އެތަނުގަ އެވެ.
އަތޮޅުތަކުން ލިބޭ ފައިސާކޮޅު އެކަނިގެންގޮސްގެން ވެސް ވަނީއެއް ނޫނެވެ. ރަށެއްގެ މަގެއް ހަދަން ޖެހުނަސް މަގެއްގެ ކުނިކަހަން ޖެހުނަސް މި ޖެހެނީ ” މާލެ ސަރުކާރަށް” އާދޭސް ދަންނަވާ ސަލާން ޖަހައިގެން އެކަމެއް ކުރަން ށެވެ. އަތޮޅުތަކަށް ނުވަތަ ސަރަހައްދުތަކަށް އެފަދަ އެއްވެސް ކަމެއްގައި ގޮތެއް ނިންމުމުގެ ބާރެއް ސަރުކާރުން ހަމަޖައްސާފައެއް ނޯވެއެވެ.
އަދި ހަމައެހެންމެ އަތޮޅުތެރޭގައި ހުރި ތަކެތި ވެސް އެކި ވާހަކަދައްކައިގެން ގެންދަނީ މާލެއެވެ. މިސާލަކަށް މިނިވަން ފަންސާހަށް، އައްޑޫ ކޮންވެންޝަން ސެންޓަރުގެ ހުރި ގޮނޑިތަކާއި އެސިޓީއަށް ގެންދިޔަ ދެ ޖަނަރޭޓަރާއި ކުޅުދުއްފުށީ މަގުތަކުގައި އަޅަން ގެނައި ގައުކޮޅުވެސް “މާލެ ސަރުކާރުން” މާލެ ގެންދިޔައީ އެވެ. މާލޭގެ ފިނިކޮޓަރީގައި ތިބެގެން އަތޮޅު ތެރޭގެ ކަންތައް ކުރަން ޖެހޭ ގޮތްވެސް ނިންމަނީ ހަމަ “މާލެ ސަރުކާރުން” ނެވެ.
އަތޮޅު ތެރޭގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ގޯސްވެ، ވީރާނާ ވަމުންނެވެ. އަޅާލާނެ ބަޔަކު ނެތެވެ. އަޑު އުފުލާނެ ވެސް ބަޔަކު ނެތެވެ. އަޑު އަހާނެ ބަޔަކުވެސް ނެތެވެ. އަދިވެސް އަތޮޅުތެރޭގެ ގިނަ ރައްޔިތުން ފެންވަރަނީ ނަޖިސް ފެނުންނެވެ. މާލޭގައި ބުރިޖް އަޅަން ވެގެން ރުފިޔާ ހޯދަން ސަރުކާރުން އަތޮޅުތެރޭގެ ކަރަންޓް އަގުތައް ވަނީ އުފުލާފަ އެވެ. ސްކޫލުތަކުގެ ފުރާޅުވަނީ ފޫގޮސްފަ އެވެ. ހޮސްޕިޓަލުތަކުގައި ޑޮކްޓަރެއް ނެތްތާ ބޭހެއް ވެެސް ނެތެވެ. އަތޮޅުތެރޭގެ ރައްޔިތުންނަށް އަބަދުވެސް އޮތީ މާލޭ ސަރުކާރަށް ސަލާން ޖަހައިގެން ކަންތައްކޮށް އުޅުން ބާވަ އެވެ.
މިކަންތައް ބަދަލުކުރަން ޖެހެ އެވެ. ރައްޔިތުންގެ ވެރިކަމަކީ ހަމައެކަނި އަތޮޅު ތެރެ ފެލައިގެން މާލެ ތަރައްގީކުރުމެއް ނޫންނެވެ. ޑިމޮކްރެސީގެ ފޮނި މީރުކަން އަތޮޅު ތެރޭގެ ރައްޔިތުން ބޭނުންވެ އެވެ. އެރަށަކުން ލިބޭ ފައިސާއެއް އެރަށެއް ތަރައްގީ ކުރުމަށް އެރަށެއްގެ ރައްޔިތުން އިންތިހާބުކުރާ ބައެއްގެ މައްޗަށް ދޭން ޖެހޭނެވެ. އެހެން ކަމަށް ނުވާ ނަމަ އަތޮޅު ތެރޭގެ ތަރައްގީއެއް ނުކުރޭވެ އެވެ.