ޕީޕީއެމް އަކީ އިންތިހާބުތަކުގއި ކުރިމަތިލައި ކެމްޕެއިންކޮށް ވާދަކުރުމުގެ ހިތްވަރުނެތް އިންތިހާބު ދެކެ ބިރުގަންނަ، ފިނޑި ޕާޓީއެއް ކަމުގައި ދިއްދޫގެ ހުރިހާ ރައްޔިތުން ދެކޭކަމަށް އެމްޑީޕީ ހއ ދިއްދޫ ދާއިރާއިން ބުނެފިއެވެ.
އެމްޑީޕީ ދިއްދޫ ދާއިރާއިން މިހެން ބުނެފައިވަނީ ދިއްދޫގެ ކައުންސިލްގެ ބައި އިލެކްޝަން ކެންސަލް ކުރުމާއި ގުޅިގެން މިއަދު އެ އޮފީހުން ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.
މި ނޫސް ބަޔާނުގައި ވާގޮތުން ދިއްދޫ ކައުންސިލްގެ ބައި އިލެކްޝަން ކެންސަލް ކުރުމަކީ މިހާރު ރާއްޖޭގައި އޮތް ޕީޕީއެމްގެ ސަރުކާރުންނާއި ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ހިންގި ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި އަދި އެއީ ލާމަރުކަޒީ ނިޒާމަށް ދިން އުދުވާނީ ހަމަލާއެއް ކަމަށެވެ.
އޭގެ އިތުރުން ދިއްދޫ ކައުންސިލްގެ ބައި އިލެކްޝަނަކީ އެހެން 9 ރަށެއްގެ ބައި އިލެކްޝަނާއެކު އިއުލާން ކުރެވުނު އިންތިހާބެއް ކަމަށް ވާއިރު އޭގެ ތެރެއިން 6 ރަށެއްގެ ކައުންސިލަށް މެމްބަރުން އިންތިހާބުކޮށް ދާއިމީ ނަތީޖާ އިއުލާނުކޮށްފައި ވާ ކަމަށާއި ދިއްދޫ ދާއިރާގެ ބައި އިލެކްޝަން ކެންސަލްކުރުމުގެ މޭސްތިރިއަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލަތީފް ކަމަށްވެސް މި ނޫސް ބަޔާނުގައި ވެއެވެ.
އަދި ބައި އިލެކްޝަން ކެންސަލް ކުރީ ޕީޕީއެމް އިން މިނިވަން 50 ގެ ނަމުގައި ކަމަށްބުނެ ކުޅިވަރާ މަޖަލާއި ކޮރަޕްޝަންގެ ހުތުރު ފައިސާ ބޭނުން ކުރުމުގެ އުޅުމުގެ ސަބަބުން ކެމްޕެއިންގެ އެއްވެސް ކަމެއް ނުކުރެވި ދިއުމާއި ދިއްދޫފަދަ އާބާދީ ބޮޑު ރަށަކުން އެ ޕާޓީއަށް ގޮނޑިއެއް ނުލިބުމަކީ ހަޖަމު ނުކުރެވޭނެ ވަރުގެ ކަމަކަށް ވާނެތީ ކަމަށްވެސް މި ނޫސްބަޔާނުގައި ވެއެވެ.
ދިއްދޫ ބައި އިލެކްޝަން ބޭއްވުމަށް މީގެ ކުރިން ހަމަޖައްސާފައިވަނީ މި އަންނަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހު އެވެ.