ސަގާފީ ކުޅިވަރާއި މިއުޒިކް އާލާކޮށް އަދި ފަންނުވެރިން އުފައްދާއި ކުރިއެރުވުމަށް ކުޅުދުއްފުށީގައި ޖަމިއްޔާއެއް އުފައްދައި، މިރޭ އިފްތިތާހް ކޮށްފި އެވެ.
“އިކްލެކްޓިކް ޔޫތް” ނަމުގައި މިރޭ އިފްތިތާހް ކުރި މިޖަމިއްޔާގެ ރައީސަކީ ކުޅުދުއްފުށީ، ކޮށީގެ އާދަމް މުހައްމަދު (ޖާވިދް) އެވެ. ނައިބް ރައީސަކީ ކުޅުދުއްފުށީ ކާށިދޫގެ އަލީ އާދަމް(އައިބެ) އެވެ.
މިޖަމިއްޔާ އިފްތިތާހް ކޮށްދެއްވީ އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރަކަށް އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލެވެ.
އިލެކްޓިކް ޖަމިއްޔާ އިފްތިތާހު ކުރެއްވުމަށް ބޭއްވި ހަފްލާގެ ތެރެއިން
މި ހަފްލާގައި ވާހަކަ ދައްކަވަމުން ޖަމިއްޔާގެ ނައިބް ރައީސް ވިދާޅުވީ މިއުޒިކާއި ސަގާފީ ކުޅިވަރުތައް ކުރިއެރުވުމުގެ އިތުރުން ތަފާތު ދާއިރާތަކުން ފަންނުވެރިން ބިނާ ކުރުން ޖަމިއްޔާގެ މަގްސަދެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޖަމިއްޔާގެ ދަށުން މިހާރުވެސް ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށާއި ޖަމްއިއްޔާ ފެނިގެންދާނީ ކުޅުދުއްފުށީގައި ހަރަކާތްތެރި ޖަމްއިއްޔާއެއްގެ ގޮތުގައި ކަމަށް އަލީ ވިދާޅުވި އެވެ.
އަލީ ވަނީ އެޖަމިއްޔާއިން ކުރަން ރާވާފައިވާ ބައެއް ކަންތައްތައް މިރޭގެ ޖަލްސާގައި އިއުލާން ކުރައްވާފަ އެވެ. އެގޮތުން ލަވަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަން އޭނާ އިއުލާން ކުރެއްވި އެވެ. އަދި ރަސްމީ ދާއިމީ ސްޓޭޖެއް ކުޅުދުއްފުއްޓަށް ގެންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އިލެކްޓިކް ޖަމިއްޔާ އިފްތިތާހު ކުރެއްވުމަށް ބޭއްވި ހަފްލާގެ ތެރެއިން
އޭނާ ވިދާޅުވީ އިކްލެކްޓިކް ޖަމިއްޔާއަކީ ހަމައެކަނި ކުޅުދުއްފުށިގައި ހަރަކާތްތައް ހިންގުމަށް ހާއްސަ ޖަމިއްޔާއެއް ނޫންކަމަށާއި ޖަމިއްޔާއަކީ ކުޅުދުއްފުށީ ސަރަހައްދަށާއި ހދ އަތޮޅުގައި ފެންވަރުގައި ހަރަކާތްތެރިވާނެ ޖަމިއްޔާއެއް ކަމަށެވެ.