ހުސްވި ޖުލައި މަހުގެ ތެރޭގައި ށ. އަތޮޅުން ޑެންގީ ހުމުގެ 24 ކޭހެއް ރިޕޯޓް ކުރިއިރު ހަމައެކަނި އެއަތޮޅު ނަރުދޫ އެކަނިވެސް 15 ޑެންގީ ކޭސް ރިޕޯޓްކޮށްފި އެވެ.
ފުނަދޫ ޕަބުލިކް ހެލްތުންގެ އޮފިޝަލަކު މިނޫހަށް މައުލޫމާތު ދެއްމުން ބުނީ މިހާތަނަން ނުރައްކާ ވާވަރުގެ ކޭސް އެއް ފެނިފައިނުވިނަމަވެސް ބައެއް ކޭސްތައް މާލެއަށާއި ކުޅުދުއްފުއްޓަށް ފޮނުވާފައިވާނޭ ކަމަށެވެ.
ށ. ނަރުދޫގައި ޑެންގީ އާއި ވައިރަލް ހުމުގެ ނުރައްކާ ބޮޑުވެފައިވާތީ ބެލެނިވެރިން މިއަދު ސްކޫލަށް ކުދިން ނުފޮނުވި އެވެ.
މިދުވަސްވަރު ނަރުދޫ ސްކޫލްގައި ކިޔަވައި ދިނުމަކީ އެންމެ އެދެވިގެންވާ ކަމެއް ނޫން ކަމަށް ބުނެ ސަބަބު ބަޔާންކޮށް އެރަށު ސިއްހީ މަރުކަޒުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ސްކޫލަށް ސިޓީއެއް ފޮނުވާފަ އެވެ.
އެ ސިޓީގައި ވަނީ ރާއްޖޭގައި އެންމެ ބާރަށް ޑެންގީ ފެތުރެމުންދާ ސަރަހައްދުތަކުގެ ތެރޭގައި ށ. އަތޮޅު ހިމެނޭ ކަމަށާއި އަދި ނަރުދޫ އަކީ މުޅި ށ. އަތޮޅުން ވެސް ޑެންގީގެ އަސަރު އެންމެ ބޮޑަށް މިވަގުތު ކޮށްފައިވާ ރަށް ކަމަށް ވެސް އެ ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.
ސިއްހީ މަރުކަޒުން އެގޮތަށް އެންގި ކަމުގައި ވިޔަސް ސްކޫލްގެ ކިޔެވުން ކުރިއަށްގެންދަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.